ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، 16 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ބޫޓާނަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ބޫޓާނުގެ ޕާރޯ އެއަރޕޯޓަށް ވަޑައިގަތުމަށް މަރުޙަބާ ވިދާޅުވީ ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮންގ ޖިގްމީ ޔޮއެޒަރ ތިންލޭއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާރޯ ވައިގެބަނދަރަށް ވަޑައިގަތުމާއެކު، ބޫޓާނާއި ރާއްޖެއާ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެވުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރއެއް އެމަނިކުފާނު އިންސްޕެކްޓްކޮށް ދެއްވިއެވެ.

މާދަމާ ބޫޓާނުގެ ތިމްޕޫގައި ފެށޭ 16 ވަނަ ސާކް ސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާނެއެވެ. އަދި މިދަތުރުފުޅުގައި، މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ބޫޓާނަށް ވަޑައިގެންތިއްބެވި ސާކުގެ ބައެއް މެންބަރު ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.