ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، 16 ވަނަ ސާކު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބޫޓާނަށް ކުރައްވާ ދަތުރުފުޅުގައި، ނޭޕާލުގެ ކަތުމަންޑޫގައި މަޑުކޮށްލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނޭޕާލުގެ ޓްރައިބޫވަން އިންޓަރނޭޝަލަން އެއަރޕޯޓަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ނޭޕާލުގެ ބޮޑުވަޒީރުގެ ނައިބު ބިޖަޔަ ކުމާރު ގައްޗަދަރެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ނޭޕާލުގެ ބޮޑުވަޒީރުގެ ނައިބާ، އެއަރޕޯޓުގައި ބައްދަލުކޮށްލެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރާއްޖެއާއި ނޭޕާލާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ނޭޕާލުގެ ބޮޑުވަޒީރުގެ ނައިބު މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މާދަމާ ފެށޭ 16 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޫޓާނުގެ ތިމްޕޫއަށް ވަޑައިގަންނަވާނެއެވެ.