ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ އޮނިގަނޑު އެކުލަވައިލައްވައި، މިއަދުން ފެށިގެން އެއޮނިގަނޑަށް ޢަމަލު ކުރެއްވުމަށް ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާއިން މިކަން މިގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ އޮނިގަނޑެއް ކަނޑައެޅުއްވުމާ ބެހޭގޮތުން މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިއީ ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ރަށްރަށާއި، ރަށްރަށުގެ ބިންބިމާއި، ފިނޮޅު، ފަޅުފަދަ ތަންތަނާމެދު ސަރުކާރުން ޢަމަލު ކުރައްވާނެ އުޞޫލު ކަނޑައެޅުއްވުމާބެހޭ އިދާރީ އޮނިގަނޑެވެ.

މި އޮނިގަނޑުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އެކިކަންކަމަށް މިނިސްޓްރީތަކާ ޙަވާލުކުރައްވާފައިވާ ރަށްތައްވެސް ބޭނުމެއް ކުރުމުގެ ގޮތުން ފަރާތަކަށް ދޫކުރައްވާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. އަދި ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ ދަފްތަރު ބަލަހައްޓައި، އެކަމާ ބެހޭގޮތުން ކުރައްވަންޖެހޭ ހުރިހާ ކަންތައްތަކެއް ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުންނެވެ. މި އޮނިގަނޑަށް ޢަމަލު ކުރައްވަން ފަށްޓަވާއިރު، ހުއްދަ ނުނަގައި ހިއްކާފައިވާ ބިންބިމާ ދޭތެރޭގައި ޢަމަލު ކުރައްވާނެ ގޮތްވެސް މި އޮނިގަނޑުގައި އެކަށައަޅުއްވާފައިވެއެވެ. އަދި މީގެފަހުން ބިން ހިއްކައި، ބިން އުފައްދާނެ އުޞޫލުތައްވެސް މިއޮނިގަނޑުގައި ކަނޑައަޅުއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ އޮނިގަނޑު ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުގެ މަތިން ގެޒެޓް ކުރައްވައި، ޢާންމުކޮށް އިޢްލާނު ކުރައްވާނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ބައެއް ރަށްރަށުގައި ވައިގެ ބަނދަރުތައް ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުންތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، 5 އެއަރޕޯޓެއް ހެއްދެވުމަށް 2007 ވަނަ އަހަރު ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަކީ، މުހިންމު ނިންމެވުމެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެ އެއަރޕޯޓްތަކުގެ މަސައްކަތް ނުފެށޭތީ، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، އެއަރޕޯޓްތަކަކީ ކޮންމެހެން ބޭނުން ތަންތަން ކަމަށްވުމާއެކު، އެމަސައްކަތްތައް އަވަހަށް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އަދި އިތުރު 6 ރަށް ބީލަމުގެ އުޞޫލުން ދޫކުރައްވައިގެން، އެ ފައިސާއިން އެއަރޕޯޓްތަކުގެ މަސައްކަތް ހިންގެވުމަށްވެސް ނިންމެވިއެވެ. އެ 6 ރަށަކީ ދ. ކުޑަހުވަދުއާއި، ތ. ތިމަރަފުށްޓާއި، ށ. ފުނަދުއާއި، ގދ. މާވެއްދުއާއި، ގއ. ރާވެރެހާ އަދި ފުވައްމުލަކެވެ. މީގެއިތުރުން، ގެދޮރު އެޅުމުގެ ޕްރޮގްރާމް ހިންގެވުމަށް ޓޫރިޒަމް ޤާނޫނުގައިވާ ގޮތުގެ މަތިން ޓެންޑަރ އުޞޫލުން 8 ރަށް ދޫކުރެއްވުމަށް ނިންމެވިއެވެ.