މަޖީދިއްޔާ ސްކޫލަކީ ގްރޭޑް 1ން 10 އަށް ކިޔަވައިދޭ މަދަރުސާއަކަށް ހެއްދެވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލްގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި، "މަޖީދިއްޔާ ގޯސް ޑިޖިޓަލް" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުންނެވެ. މަޖީދިއްޔާ ސްކޫލަކީ ގްރޭޑް 1ން 10 އަށް ކިޔަވައިދޭ މަދަރުސާއަކަށް ހެއްދެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތަކާއި، ގެންނަވަންޖެހޭ ބަދަލުތައް، ސްކޫލްގެ އެކިއެކި ޢިމާރާތަށާއި ޖާގައަށް ގެންނެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުން ކޮށްދެއްވެން އޮތް ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އެސްކޫލްގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި ޓީޗަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މަޖީދިއްޔާ ސްކޫލުގެ 83ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު އެ ސްކޫލަށް ވަޑައިގަތުމުން، ސްކޫލްގެ ބޭންޑުން އެމަނިކުފާނަށް އެރައިވަލް ކޯލެއް އަރުވައި، ސްކޫލް ބޭންޑްގައި ޤައުމީ ސަލާމް ކުޅުނެވެ. އަދި ސްކޫލްގެ ކެޑޭޓްގެ ގާޑް އޮފް އޮނަރެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. އެމަނިކުފާނަށް މަޖީދިއްޔާ ސްކޫލުން މަރްޙަބާ ދެންނެވީ، ސްކޫލްގެ ޕްރިންސިޕަލާއި، ސްކޫލް ބޯޑުގެ ޗެއަރޕަރސަންއާއި، ސްކޫލްގެ ޕީ.ޓީ.އޭ. އެކްސްކޯގެ ނައިބު ރައީސެވެ. އަދި ސްކޫލުގެ ލީޑިންގ ޓީޗަރުންވެސް ރައީސްގެ އިސްތިޤްބާލުގައި ތިއްބެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަޖީދިއްޔާއަކީ އެއްވެސް އިރެއްގައި ބަދަލަށް ފަހަތަށްޖެހޭ ތަނެއް ނޫން ކަމަށާއި، މަޖީދިއްޔާއަކީ އަބަދުވެސް އެއިރެއްގައި ކަންތައްތައް ހިންގުމަށާއި، ކަންތައްތައް ކުރުމަށާއި ކާމިޔާބު ހޯދުމަށް، އެ އޮންނަ އެންމެ ރަނގަޅު ގޮތް ދެނެގަންނަ ސްކޫލެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު މަޖީދިއްޔާ ސްކޫލް ހެޔޮގޮތުގައި ހިނގާ އެންމެބޮޑު އެއްސަބަބަކީ، ސްކޫލްގެ ޕްރިންސިޕަލާއި، ޓީޗަރުންނާއި ސްޓާފުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ސްކޫލް ބޯޑުގެ ބެއްލެވުމުގެ ދަށުން މާ މިނިވަންކޮށް، އެ ބޯޑަށް ފެނިވަޑައިގަންނަވާ ގޮތަށް ކަންތައްތައް ހިންގަވަމުން ގެންދަވާތީ، މަޖީދިއްޔާ ސްކޫލްގެ ހިންގުން މިހާރުވަނީ ކިތަންމެ ތަނެއް ހަރުދަނާ ކުރެވިފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަނެއް ރަނގަޅުވެ ދިޔުމުގައި، އެތަނެއް ހިންގުމުގައި އެންމެ އިސްކޮށް ތިބޭ ބައެއްގެ ޙިއްޞާ ވަރަށްބޮޑުވާނެ ކަމާއި، އަދި ކަމެއް ޚަރާބުވެ ދިޔުމުގައިވެސް، އެތަނެއް ހިންގުމުގައި އިސްކޮށް ތިބޭ ބައެއްގެ ޙިއްޞާ ވަރަށްބޮޑުވާނެކަން ބަޔާން ކުރެއްވިއެވެ. އަދި މަޖީދިއްޔާގެ ދަރިވަރުންނަކީ ތަޢްލީމުގައިވެސް، އިޖްތިމާޢީ ކަންކަމުގައިވެސް އަދި ކުޅިވަރުގައިވެސް އަދި އެނޫންވެސް އެންމެހާ ކަންކަމުގައި މޮޅު ކުދިންތަކަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މަޖީދިއްޔާ ސްކޫލް ޑިޖިޓައިޒް ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން ޑިޖިޓަލް ނޯޓިސް ބޯޑާއި، ޑިޖިޓަލް ކައުންޓް ޑައުން ބޯޑާއި، އެސް.އެމް.އެސް.ގެ ޒަރީޢާއިން މައިންބަފައިންނާއި ދަރިވަރުންނާއި ސްކޫލާ ގުޅުވާލުމުގެ ނިޒާމާއި، ސްކޫލްގެ ޓަރފް ގްރައުންޑް މިއަދު އިފްތިތާޙު ކުރެވިގެންދިޔައެވެ.

މި ރަސްމިއްޔާތުގައި، ސްކޫލަށް އެކި ރޮނގުތަކުން ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ސްކޫލުގެ ފަރާތުން ދެއްވާ ހަނދާނީ ފިލާ ދެއްވުން އޮތެވެ. މި ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތުގައި، ސްކޫލްގެ ބޭންޑާއި ކެޑެޓުންގެ ބައެއް ޙަރަކާތްތަކާއި ދަރިވަރުންގެ ބައެއް ހުނަރުތައް ދައްކާލުންވެސް އޮތެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ޑިޖިޓަލް ބޯޑު ބޭނުންކުރައްވައިގެން މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 10ގެ ކްލާހަކަށް ހިސާބުގެ ފިލާވަޅެއް ނަންގަވައިދެއްވިއެވެ.