އިނގިރޭސިވިލާތުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ "ދި އިންޑިޕެންޑެންޓް"އިން އަހަރަކު އެއްފަހަރު ހޮވާ ގްރީން އެވޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހޮވިވަޑައިގެންފިއެވެ. ތަފާތު 14 ދާއިރާއަކުންދޭ މިއެވޯޑްގައި ރައީސުލްޖުމްހޫރިއްޔާ ހޮވިވަޑައިގެންފައިވަނީ "އެންމެ ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ސިޔާސީ ލީޑަރު" މި ބައިންނެވެ.

ގްރީން އެވޯޑް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް އިޢްލާންކޮށް "ދި އިންޑިޕެންޑެންޓް"ގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާ ލީޑަރުން މަދު ކަމަށާއި، އެހެންނަމަވެސް، މި މަސައްކަތްޕުޅުގައި އެންމެ ކުރީގައި ހުންނެވި ލީޑަރަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުކަން ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޯޕަންހޭގަންގައި ކުރެއްވި މަސައްކަތްޕުޅުގެ އިތުރުން، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ދުނިޔޭގެ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް "ދި އިންޑިޕެންޑަންޓް"އިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.