ކުވޭތު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޔަޢުޤޫބް ޔޫސުފް އަލް-ޢަތީޤީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށްފަހު، ރާއްޖެއާއި ކުވޭތާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ކުވޭތު ސަފީރު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި، ކުވޭތަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއް ކަމުގައި ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ކުވޭތުގެ އަމީރަށާއި ސަރުކާރަށް ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކުވޭތުގެ ސަފީރު މިސްޓަރ އަލް-ޢަތީޤީ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާއި ކުވޭތާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވައި، ފުޅާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.