ސަރުކާރުގެ އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރައްވައި، މިހާރަށްވުރެ ލުއިފަސޭހަ، ހަލުވި އަދި ރައްކާތެރިގޮތެއްގައި ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް، އިދާރާތަކުގެ މެދުގައި ބަދަލުކުރެއްވުމަށްޓަކައި، [ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް] ބޭނުންކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. އަދި މާލޭގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކުގަޔާއި ސައުތު ޕްރޮވިންސްގައި މި އޭޕްރީލް މަހުގެ 25 ވަނަ ދުވަހު މި ޚިދްމަތްތައް ފެށްޓެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. މިކަން މިގޮތަށް ނިންމެވީ، މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަނުން ތައްޔާރުކުރައްވައި ވަޒީރުންގެ މަޖިލީހުގެ ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މާލޭގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާއެއްގައި މި ސިސްޓަމް ބޭނުންކުރައްވަން ފެށްޓެވުމުން ސަރުކާރުގެ މަސައްކަތް އަވަސްވެ، ޚިދްމަތްތައް ހަލުވިވެ، ޚަރަދުކުޑަވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި އިދާރާތަކަށް އަންނަ ލިޔެކިޔުންތައް އެ އިދާރާއެއްގައި މަސައްކަތް ކުރާ ފަރާތްތަކަށް ފޮނުވައި، އެ ލިޔުންތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާފައިވޭތޯ ބަލައި، މޮނިޓަރ ކުރެވޭނެ ގޮތް މި ސިސްޓަމުން ފަހިވެގެންދާނެ ކަމަށާއި، އެ އިދާރާއެއްގެ ތެރޭގައި ޖަވާބު ނުދެވި ލަސްވާ ސިޓީތައް، މި ސިސްޓަމް މެދުވެރިކޮށް އިދާރާތަކުގެ އިސްބޭފުޅުން ބައްލަވައި، އެކަމަށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅިގެންދިޔުމަކީވެސް، ސަރުކާރުގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމެއް ކަމަށް މިއަދުގެ ޖަލްސާގައި މެންބަރުން ވިދާޅުވިއެވެ.

މި ސިސްޓަމްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ފޮނުވާ ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް ބަދަލުކުރުން ހިމެނެއެވެ. އަދި އަމިއްލަ ފަރުދުންނާއި އަމިއްލަ ކުންފުނިތަކުން ފޮނުވާ ލިޔެކިޔުންތައް ސްކޭންކުރުމަށްފަހު މި ސިސްޓަމް މެދުވެރިކޮށް އެ އިދާރާއެއްގައި ލުއިފަސޭހަ ގޮތެއްގައި ބެލެހެއްޓޭނެއެވެ.

[ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް] އާބެހޭ އިތުރު މަޢްލޫމާތާއި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރައްވަންވީގޮތް، މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަނުން ސަރުކާރުގެ އިދާރާތަކަށް ވަރަށް އަވަހަށް އެންގެވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.