12 އޭޕްރިލް 2010ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް މިހާރު މިގެންނެވި އިޞްލާޙުގައި، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ، އެ އުޅަނދެއް އެކްސިޑެންޓްވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ ތާރޑް ޕާޓީ އިންޝުއަރެންސް ކުރުމަށްފަހު ކަމަށާއި، މިކަމަށް ޢަމަލު ކުރަން ފަށާނީ، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މީލާދީ 3 އަހަރު ފުރިހަމަވުމަށްފަހުގައި ކަމަށް ވަނީ ބަޔާން ކުރައްވާފައެވެ.

މި އިޞްލާޙު ކުރެވުނު ޤާނޫނުގެ 66 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން މިދެންނެވި 3 އަހަރުގެ މުއްދަތު ހަމަވުމުގެ 6 މަސްދުވަސް ކުރިން މި ޤާނޫނު ހިންގުމަށް ޙަވާލުކުރެވޭ ފަރާތުން ވަކި ކަންތައްތަކެއްކޮށް ނިންމަންވާނެއެވެ. އޭގެތެރޭގައި، އެއްގަމު އުޅަނދެއް އެކްސިޑެންޓްވުމުން، އެ އެކްސިޑެންޓުގެ ސަބަބުން ގެއްލުން ލިބޭ އެއްޗަކަށް ނުވަތަ މީހަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ ތާރޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ ޢާންމު އުޞޫލުތައް ހިމެނޭ ގަވާއިދެއް އިޢްލާނު ކުރުމާއި، އެއްގަމުގައި ދުއްވާ އެއްޗެއް އެކްސިޑެންޓްވުމުން، އެ އެކްސިޑެންޓުގެ ތަޙްޤީޤު ހިނގާނެ އުޞޫލުތަކާއި، ގެއްލުމުގެ ނިސްބަތް ދެނެގަންނާނެ ގޮތުގެ ޢާންމު އުޞޫލުތަކާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ޢާންމު އުޞޫލުތައް ހިމެނޭ ގަވާއިދެއް އިޢްލާނު ކުރުމެވެ.

ތާރޑް ޕާޓީ އިންޝުއަރެންސް ކުރުން ލާޒިމުވުމުގެ އުޞޫލު ހިނގާ ތާރީޚު، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 އަހަރު ދުވަހުގެ ނިޔަލަށް ފަސްކުރެއްވި ކަމުގައިވިޔަސް، މީހެއްގެ އަމިއްލަ އިޚްތިޔާރުގައި ތާރޑް ޕާޓީ އިންޝުއަރެންސް ކޮށްގެން، އެއްގަމު އުޅަނދެއް ދުއްވުމަކަށް މިޤާނޫނު ހުރަހެއް ނާޅައެވެ.