ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، "މޯލްޑިވްސް ޕޮލިޓެކްނިކް"ގެ ނަމުގައި މިއަދުން ފެށިގެން މުއައްސަސާއެއް އުފައްދަވައި، އެ މުއައްސަސާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ"އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީން ހިންގަވަމުން ގެންދަވާ ޑިގްރީ ފެންވަރަށްވުރެ ދަށުގެ ކޯސްތައް ހިންގެވުމަށްޓަކައެވެ.

"މޯލްޑިވްސް ޕޮލިޓެކްނިކް"ގެ ނަމުގައި ވަކި މުއައްސަސާއެއް އުފެއްދެވުމުގެ ބޭނުންފުޅަކީ، ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރެއްވުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާއަކީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ކަމަށްވެފައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީން ހިންގަވަމުން ގެންދަވާ ގިނަ ކޯސްތަކަކީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގއިން ހިންގުމަށް ހަމަޖައްސަވާފައިވާފަދަ ކުރުމުއްދަތުގެ ފަންނީ ކޯސްތަކަކަށްވާތީ، ސަރުކާރުގެ ދެ މުއައްސަސާއަކުން އެއްމަސައްކަތެއް ކުރައްވަމުން ގެންދެވުމުގެ ބަދަލުގައި، އެއް މުއައްސަސާއަކުން މިމަސައްކަތްތައް ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖެއްސެވުމެވެ. އަދި މިކަމަށް ހިނގާ ޚަރަދުތައް ކުޑަކުރެވި، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނޭ ގޮތެއް ހަމަޖެއްސެވުމަށްޓަކައިވެސްމެއެވެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، ކުރު މުއްދަތެއްގެ ތެރޭގައި ޔުނިވަރިސިޓީއަކަށް ބަދަލުވެގެންދާއިރު، ޔުނިވަރސިޓީގެ އަމާޒަކަށްވާނީ، ތަޢްލީމީ ދާއިރާގެ މަތީ ފެންވަރުގެ ކޯސްތައް ހިންގުމެވެ. އެހެންކަމުން، ވަޒީފާދޭ ފަރާތްތަކާ ގުޅިގެން ފަންނީ ވަޒީފާތަކަށް ބޭނުންވާނެ ހުނަރުތަކުގެ ކޯސްތައް ހިންގުމަކީ، ޔުނިވަރސިޓީން އިސްކަމެއްދީގެން ކުރާނެ ކަމެއް ކަމަށް ނުވެދާނެތީ، ފަންނީ ތަމްރީނު ދިނުމަށް ޚާއްޞަކުރެވޭ ވަކި މުއައްސަސާއެއް ހުރުމަކީ، މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދެވުމުގެ މައިގަނޑު އެއްބޭނުންފުޅެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދެވުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ" މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފިއެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީން ކ. ތުލުސްދޫގައި ހިންގަމުންގެންދާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރާއި، ރ. އަލިފުށީގައި ހިނގަމުންދާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރ، މޯލްޑިވްސް ޕޮލިޓެކްނިކުގެ ދަށުން ހިނގަމުންދާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.