ފަރަންސޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސް ކްރިސްޓީނާ ރޮބިޝޯން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، އެމަނިކުފާނުގެ ސަރުކާރުގެ މި ވޭތުވެދިޔަ 17 މަސް ދުވަހުގެ ތެރޭގައި މިގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ފަރަންސޭސި ސަރުކާރުން ރާއްޖެއަށް މީގެކުރިންވެސް ތަފާތު އެހީތައް ވެދެއްވާފައިވާ ކަމުގައި ވިދާޅުވެ، އެ އެހީތަކަށާއި އަދި ރާއްޖެއަށް ފުރިހަމަ ޒަމާނީ ޑިމޮކްރަސީއެއް ގެނައުމުގައި އެ ސަރުކާރުން އަދާކުރެއްވި ދައުރަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މި ގޮންޖެހުންތަކުން އަރައިގަތުމަށްވެސް ފަރަންސޭސި ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ރާއްޖެއަށް ލިބޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ފަރަންސޭސި ސަފީރު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯއްދެވުމަށާއި، ރާއްޖޭގައި ހެޔޮ ވެރިކަމެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފަރަންސޭސިވިލާތުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށާއި، މިކަންކަމުގައި އެމަނިކުފާނަށް ފަރަންސޭސި ސަރުކާރުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.