ދިވެހި އަންހެނުންނަކީ ގިނަ މައިދާންތަކުގައި ފިރިހެނުންނާ ވާގިވެރިވެލައްވާ، އެހާމެ ހިތްވަރުގަދަ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދެޖިންސުގެ ހަމަހަމަކަމާއި، އެކަމުގެ މައްޗަށް ރިޢާޔަތް ކޮށްގެން، ބަޖެޓް ތައްޔާރު ކުރުމުގެ މަޢްލޫމާތު ދިނުމުގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު ސްޓެލްކޯ ކޮންފަރެންސް ހޯލްގައި އޮތް މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި، ފިރިހެނުންނާއި އަންހެނުންގެ ބޭނުންތަކާމެދު ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް އަޅަމުން ގެންދިޔުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ދެޖިންސުގެވެސް ބޭނުންތަކަކީ ކޮބައިކަން ދެނެގަނެ، ދެފަރާތަށްމެ ހަމަހަމަވާނެ ގޮތުގެ މަތިން އެކިކަހަލަ ވަސީލަތްތައް ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖިންސީ ތަފާތުކުރުންތައް ނައްތާލުމުގެ މަސައްކަތުގައި، ސަރުކާރުގެ ހުރިހާ ފަންތިއެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، ޚާއްޞަކޮށް، ސިޔާސަތުތައް ކަނޑައަޅައި، އެސިޔާސަތުތައް ތަންފީޒު ކުރުމުގައިވެސް މިވިސްނުން ފުރިހަމަކޮށް ބައްޓަން ކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިރިއުޅުމުގެ ކަންކަން ނިންމުމުގައި، ޒަމާނުއްސުރެވެސް އަންހެނުންގެ ދައުރަކީ ވަރަށްބޮޑު އަދި މުހިންމު ދައުރެއް ކަމަށާއި، އެހެން ނަމަވެސް، މިދައުރު ހަމައެކަނި ގޭތެރޭގެ ކަންކަމާ ހަމައަށް ހަނިވެގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. ގޭތެރޭގައިވެސް، މަދަރުސާތަކުގައިވެސް، ވަޒީފާ އަދާކުރާ ތަންތަނުގައިވެސް އަދި ހަމައެހެންމެ މަޖިލިސްކުރާ ގޭގައިވެސް އަންހެނުންގެ އަޑު އިއްވައި، ކަންކަން ނިންމުމުގައި، އެމީހުންގެ ދައުރު މިހާރަށްވުރެ ބޮޑުކުރުމަކީ، ވަރަށްބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސިޔާސީ ދާއިރާގައި އަންހެން ބޭފުޅުން މިހާރަށްވުރެ ބޮޑަށް ޙަރަކާތްތެރިވެވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.

އަންހެނުންނަކީ ޢާއިލާތައް ބިނާކުރުމުގަޔާއި، ޤައުމުގެ ތަރައްޤީއަށް އެހާ މުހިންމު ބަޔަކަށްވާއިރު، އެމީހުންނަށް އެއްވެސްވަރެއްގެ ގެއްލުމަކާއި ގޯނާއެއް ލިބުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ޖިސްމާނީ ގޮތުންވެސް އަދި ނަފްސާނީ ގޮތުންވެސް އަންހެނުންނަށް ހާނިއްކަތަކާއި ގޯނާތައް ލިބެމުން އެބަދާ ކަމަށާއި، މިއީ ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އަނެކާއަށް އެއްވެސް ބާވަތެއްގެ ގޯނާއެއްކޮށް އަނިޔާއެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރަކީ އޯގާތެރި ސަރުކާރެކެވެ. މިސަރުކާރުގެ ސިޔާސަތަކީ ނިކަމެތި ރައްޔިތު މީހާއަށް ރިވެތިކޮށް ޝަރަފްވެރި ގޮތުގައި ދިރިއުޅުން ވޭތުކުރެވޭނެ މަގެއް ކޮށައިދިނުމެވެ.