ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑުއަތޮޅު ހިތަދޫ ފެންމުލި އިބްރާހީމް މޫސާ ލުޠުފީއަށް މަޢާފު ދެއްވައިފިއެވެ. އިބްރާހީމް މޫސާ ލުޠުފީއަށް ރައީސުލްޖުމްހޫރިއްޔާ މަޢާފް ދެއްވީ، ޤާނޫނު ނަންބަރު 2010/2 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

އިބްރާހީމް މޫސާ ލުޠުފީއަށް ވަނީ ޖިނާއީ ކޯޓުގެ ނަންބަރު 705/JC/2002 ޤަޟިއްޔާއިން ޢުމުރަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމުގެ މުއްދަތުން ބާކީއޮތް ދުވަސްތަކަށާއި، އޭނާގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 706/JC/2002 ޤަޟިއްޔާއިން އެއްއަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކުރައްވާފައިވާ ޙުކުމަށް، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއަށް ނިސްބަތް ކުރައްވައި، މަޢާފް ކުރައްވާފައެވެ.

އިބްރާހީމް މޫސާ ލުޠުފީ، ޢުމުރަށް ޖަލަށްލުމަށާއި، އިތުރު ދުވަސްތަކަކަށް ޙުކުމް ކުރައްވާފައިވަނީ، 2001 ވަނަ އަހަރު ޝާއިޢު ކުރެވެން ފެށި ސަންދާނު އިންޓަރނެޓް ޕޮލިޓިކަލް ނިއުސް ބްލެޓިންއާ ގުޅޭ މައްސަލައަކާއި، އެހެން ބައެއް މައްސަލައާ ގުޅުވައެވެ. 2003 ވަނަ އަހަރު ބޭސްފަރުވާއަކަށް ސްރީލަންކާގެ ކޮލަމްބޯއަށް އޭރުގެ ސަރުކާރުން އޭނާ ފޮނުއްވުމުން، އޭނާ ބަލަހައްޓަވަން ފޮނުއްވި ސިފައިންނަށް އެނގުމެއްނެތި އިބްރާހީމް މޫސާ ލުޠުފީ ވަނީ ސްވިޓްޒަރލަންޑަށް ދަތުރުކުރައްވާފައެވެ. އޭރުއްސުރެ މިހާތަނަށް އޭނާ ހުންނެވީ އ.ދ.ގެ ރެފިއުޖީއެއްގެ ޙައިޘިއްޔަތު ހޯއްދަވައިގެން ސްވިޓްޒަރލަންޑްގައެވެ.