މެކްސިކޯ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޚައިމޭ ވިރިޙިލިއޯ ނުވާރުލާތު ސަންޗޭސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، މެކްސިކޯގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަރްޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި މެކްސިކޯއާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމަންދާ ނޭދެވޭ ބަދަލުތަކާއި، އިންސާނީ ޙައްޤުތައްފަދަ މައްސަލަތަކަކީ ރާއްޖެއާއި މެކްސިކޯއާ ދެޤައުމުންވެސް ވަރަށް ސަމާލުކަންދޭ މައްސަލަތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ފަހުކޮޅު މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް16 ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް އެޤައުމުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަގެންދާ ކަމަށާއި، މިސަމިޓުގައި ޤާނޫނީގޮތުން ލާޒިމްކުރާ އެއްބަސްވުމެއް ހާސިލްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޯޕަންހޭގަން ސަމިޓުގައި މެކްސިކޯގެ ރައީސާ ބައްދަލުވެވަޑައިގެން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި، މެކްސިކޯގައި ބޭއްވޭ މިސަމިޓް ކާމިޔާބު ސަމިޓަކަށް ހެދުމަށް އެމަނިކުފާނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.