މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔޫ.އެސް.ސީ.އާއި ޖަޕާނުގެ ހިޓާޗީ ކުންފުންޏާ ގުޅިގެން ފަށާ އޮޕަރޭޝަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑެތި އެހީތަކެއް ފޯރުވައިދީފައިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ހިލޭ އެހީގެ އިތުރުން، ރާއްޖޭގައި އިންވެސްޓްކުރުން ފުޅާކުރުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ ފިޔަވަޅެއްކަމަށް ވިދާޅުވެ، މިކަމަށްޓަކައި ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ، ފެންކަމުގައިވިޔަސް ސާފުބޯފެން ލިބުމުގެ ދަތި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވަރަށް ބޮޑު ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މިކަމަށް ޙައްލެއް ހޯއްދެވުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުން، މިކަމުގައި އެމް.ޑަބްލިޔު.އެސް.ސީ.ގެ އެހީތެރިކަން ވަރަށް ބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޒަމާނުއްސުރެ ދިވެހިންނަކީ ބިމުއަޑިން ނަގާ ފެން ބޭނުންކުރަމުން އަންނަ ބައެއް ކަމަށާއި، އެހެންނަމަވެސް މިހާރު ރާއްޖޭގެ ބިމުގެ އަޑިން ނަގާ ފެނުގައި ލޮނުގެ އަސަރު ވަރަށް ބޮޑަށް އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިކަމުގެ ސަބަބުތަކުގެ ތެރޭގައި ރަށްރަށުގެ އާބާދީ އިތުރުވުމާއި، މީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި އަދި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލޮނުފެން ސާފު ބޯފެނަށް ބަދަލުކުރާ ޕްލާންޓްތަކަށް ކަރަންޓް ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވަމުން، ރައްޔިތުންނަށް ހެޔޮއަގުގައި ފެނުގެ ޚިދުމަތް ފޯރުއްވައިދެއްވެން އޮތީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި މަސައްކަތްކުރާ ކުންފުނިތަކުންވެސް ކުރިއަށް އޮތްތާނގައި މިފަދަ ވަސީލަތްތައް ބޭނުންކުރަމުން ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ސަރުކާރުން ނިންމެވި އެއްސަބަބަކީ، އެކަމަކީ އިޤްތިޞާދީގޮތުން ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ސިޔާސަތުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީ.އާއި ހިޓާޗީ ގްރޫޕާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 11ވަނަ ދުވަހުއެވެ.