"ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާ" އާއި " ހޮލިޑޭއިން މާލެ" އިން އިންތިޒާމް ކޮށްގެން މިއަހަރުގެ ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ "ސައެންސް އެގްޒިބިޝަން 2010" އަށް ތައްޔާރުވުމަށް ސްކޫލްތަކަށް އެހީތެރިވުމަށް، އެ ދެ ފަރާތުން ހަދިޔާކުރާ ބައެއް ތަކެތި ސްކޫލްތަކާ ހަވާލުކުރެއްވުން ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިކަން އިފްތިތާޙް ކުރެއްވުމުގެ ގޮތުން އެމަނިކުފާނު، އަމީނިއްޔާ ސްކޫލަށް ޓީޗިންގ އެއިޑްސް ހަވާލުކޮށްދެއްވިއެވެ.

މިއަދު ހަވީރު އަމީނިއްޔާ ސްކޫލްގައި އޮތް މިރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ސްކޫލްތަކުގެ މެދުގައި ސައެންސް އެގްޒިބިޝަނެއް ނުބޭއްވި ދުވަސްތަކެއް ވުމަށްފަހު، އަމިއްލަ ފަރާތްތަކެއްގެ އެހީގައި މިއަހަރު މި މަޢުރަޒު ބޭއްވޭކަމީ އެމަނިކުފާނު ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، މި މަޢުރަޒުގެ ސަބަބުން، ސައެންސްގެ މާއްދާތަކަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި، އަމިއްލައަށް ކަންކަން ހޯދާ ދެނެގަތުމުގެ ޝައުޤުވެރިކަން ދަރިވަރުންގެ ހިތްތަކުގައި އުފެއްދުމަކީ އެކުދިންގެ ވިސްނުމާއި ޢިލްމް ފުޅާކޮށްދޭނެ ކަމެއް ކަމަށާއި، ކިޔަވައިދިނުމުގައި ދަރިވަރުންނަށް މިފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، އެކުދިންގެ ސިކުނޑި ފުރިހަމަ ގޮތުގައި ބޭނުންކުރުމަށްވެސް ދަރިވަރުންނަށް ދަސްކޮށްދޭންވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.