މޫސުމަށް އަންނަ ބަދަލުތަކަކީ ޙަޤީގަތެއް ނޫން ކަމުގައި ދެކޭ މީހުން، ރާއްޖެއައިސް މިކަމަށް އަވަސް ޙައްލެއް ގެނައުމުގެ މުހިންމުކަން އިޙްސާސް ކުރުމަށް ޔޫރަޕްގެ އިއްތިޙާދުގެ ކްލައިމެޓް އެކްޝަން ކޮމިޝަނަރ ކޯނީ ހެޑްގާޑް އެދިވަޑައިގެންފިއެވެ. ކޯނީ ހެޑްގާޑް މިކަމަށް އެދިވަޑައިގަތީ، އެކަމަނާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމުގެ ކުރިން، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި އެކަމަނާއާއި ރައީސުލްޖުމްހޫރިއްޔާއާ ދެބޭފުޅުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޯނީ ހެޑްގާޑްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ޙިއްޞާކުރާ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ތިބީ ދިވެހިން ކަމަށާއި، ރާއްޖެ ވަޑައިގެން ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން އަމިއްލަފުޅަށް ބައްލަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން، މިކަމަށް އަވަސް ޙައްލެއް ހޯދުމުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑަށް ވަޒަން ކުރެއްވުނު ކަމުގައި ވިދާޅުވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރައްވާ އެއްބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުކަން ކޯނީ ހެޑްގާޑް ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ އިއްޔެ ބައްދަލުކުރައްވައި، މިކަމުގައި ކުރިއަށް ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަރަށް ފައިދާކުރަނިވި މަޝްވަރާތަކެއް ކުރެއްވި ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުން ފެށްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނާއި ކޯނީ ހެޑްގާޑާ ދެބޭފުޅުން އިއްޔެ ށ. ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި، މިކަންކަން ޙައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ ބައެއް މަސައްކަތްތައް ކޯނީ ހެޑްގާޑް ދެކެވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ. މި ދަތުރުފުޅުގައި، ދުނިޔޭގެ ތިމާވެށްޓަށް މިއަންނަ ބަދަލުތަކާ ގުޅިގެން ޤައުމުތަކުން އެއްބަސްވާންޖެހޭ ކަންތަކަކީ ކޮބައިތޯ ބަލައި، ރާއްޖެފަދަ ޤައުމުތަކަށް އެހީތެރިވުމަށް އޮތް މަގުތަކަކީ ކޮބައިތޯ ދެނެގަތުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ކްލައިމެޓް އެކްޝަން ކޮމިޝަނަރ ކޯނީ ހެޑްގާޑު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ. އެކަމަނާއަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.