މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވެ އެކަމުން ރައްކާތެރިވުމަށް "ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑެއް" ގާއިމުކުރުމާ ބެހޭގޮތުން ޔޫރަޕިއަން ކޮމިޝަނާއި، ވަރލްޑް ބޭންކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

މިއަދު މެންދުރެއްހާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމެވެ. ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ސޮއިކުރެއްވީ އެޖަމާޢަތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސްޓަރ ބަރނަރޑް ސެވިޖެވެ. ވަރލްޑް ބޭންކުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެބޭންކްގެ ޑިރެކްޓަރ ފޮރ ސްރީލަންކާ އެންޑް ދަ މޯލްޑިވްސް މިސް ނައޯކޯ އިޝީއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ކްލައިމެޓް އެކްޝަން، ކޯނީ ހެޑްގާޑް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޓްރަސްޓް ފަންޑް ޕްރޮގްރާމްގެ ބޭނުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ސަރުކާރުގެ ދާއިރާތަކުގެ މެދުގައި މަޢުލޫމާތާއި ލީޑަރޝިޕް ހަރުދަނާ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް މައިގަނޑު ދާއިރާތަކުގައި ހޭނުމާއި އެކަން ހުއްޓުވާނެ ވަސީލަތްތައް ޤާއިމްކުރުމާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކާބަން މަދުން ބޭރުކުރާ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ކުރިއެރުވުމެވެ. އަދި ޤައުމުގެ ތަރައްޤީއަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފައިދާކުރަނިވި ގޮތަކަށް ހުއްޓުވުމާއި، މިކަމަށް ހޭނުމަށްޓަކައި ހެދޭ ސިޔާސަތުތައް ތަރައްޤީ ކުރުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ވަސީލަތްތަކާއި ހުނަރު އިތުރުކުރުމެވެ.

މިފަންޑަށް ފައިސާ ދެއްވާނީ، މައިގަނޑު ގޮތެއްގައި ޔޫރަޕިއަން ކޮމިޝަންގެ "ގްލޯބަލް ކްލައިމެޓް ޗޭންޖް އެލައަންސް"ގެ ދަށުންނެވެ. މިފަންޑް އިދާރީ ގޮތުން ބަލަހައްޓަވާނީ ވާރލްޑް ބޭންކުންނެވެ. ޔޫރަޕިއަން ކޮމިޝަނުންވަނީ، މިފަންޑަށް 6.5 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 120މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދެއްވާފައެވެ. މިފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، އެކަމަށް އަހުލުވެރިވުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް އެހީތެރިވެދެއްވުމަށެވެ.