ރާއްޖޭގެ ނާޒުކު ތިމާވެށްޓާ ބެހޭގޮތުންނާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރާ އަސަރުތަކާބެހޭގޮތުން، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ކްލައިމެޓް އެކްޝަން، ކޯނީ ހެޑްގާޑަށް މަޢުލޫމާތު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މަޢުލޫމާތު ދިނުމުގެ މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ކޯނީ ހެޑްގާޑްގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުން ފެށްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޯނީ ހެޑްގާޑަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ، އަދި އެކަމަނާ ރާއްޖޭގައި މިކުރައްވާ ކުރު ޒިޔާރަތުގައި ރާއްޖޭގެ ތިމާވެށްޓާ ބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރުތައް ފެނިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ.

މިސް ހެޑްގާޑް ދެއްކެވި ވާހަކަފުޅުގައި، ކޯޕަންހޭގަން ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާކަން ފާހަގަކުރައްވަމުން، ރާއްޖެ ވަޑައިގެން ރާއްޖޭގެ ތިމާވެށީގެ ކަންތައްތައް އަމިއްލަފުޅަށް ބައްލަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމީ، އެކަމަނާއަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ.

ކޯނީ ހެޑްގާޑް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނެވެ. މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަަންމަން ، މުޙަންމަދު އަސްލަމެވެ.

މިސް ހެޑްގާޑަކީ، ޔޫރަޕިއަން ކޮމިޝަންގެ ފަރާތުން އެންމެ ފުރަތަމަ ޢައްޔަން ކުރެއްވި ކްލައިމެޓް އެކްޝަން ކޮމިޝަނަރއެވެ. އަދި މިސް ހެޑްގާޑަކީ ޑެންމާކްގެ މިނިސްޓަރ ފޮރ ކްލައިމެޓް އެންޑް އެނަރޖީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.