މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި، އެ އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށާއި، އެ އޮޓޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންކަމަށް ކުރިމަތިލުމަށް، މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލެއްވި ފުރުޞަތު، އިއްޔެގެ ނިޔަލަށް ހަމަވިއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް 32 ފަރާތަކުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންކަމަށް 3 ފަރާތަކުން އަދި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންކަމަށް 7 ފަރާތަކުން ކުރިމަތިލައްވައިފިއެވެ.

މިކަންކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބައްލަވައި، އަދި އެފަރާތްތަކުގެ މަޢްލޫމާތުތައް ދިރާސާ ކުރެއްވުމަށްފަހު، އެކަންކަމަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚަބަރު ދެއްވައެވެ.