ފަލިޖަހައި، ޒީރޯ ޑިގްރީ ޗެނަލް ފުރަތަމަ ހުރަސް ކުރެއްވި ގުއިން ބެޓްންއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކަމުގެ ހަނދާނީ ލިޔުމެއް މިއަދު ދެއްވައިފިއެވެ. ގުއިން ބެޓްން ފަލިޖަހައި މިކުރެއްވި ދަތުރުގެ ޕޭޓްރަންގެ ހައިސިއްޔަތުން ހަނދާނީ ލިޔުމުގައި ސޮއި ކުރެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

މިކަމަށްޓަކައި، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ގުއިން ބެޓްން މިހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، މިދަތުރުގެ ޕޭޓްރަންއަށް ވެވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ، އެމަނިކުފާނަށް ވަރަށް ބޮޑު ޝަރަފަކާއި އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ.

ގުއިން ބެޓްން ދެއްކެވި ވާހަކައިގައި، މިކާމިޔާބީ ހޯއްދެވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިލެއްވި ކަމަށާއި، އޭނާ ދަތުރުކުރެއްވި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު ތަރުޙީބެއް ލިބިލެއްވި ކަމުގައި ވިދާޅުވެ، އެ ހުރިހާ ފަރާތްތަކަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، އޭނާގެ މި ކާމިޔާބީގެ ސަބަބުން، ފަލިޖެހުމުގެ ކުޅިވަރު ރާއްޖޭގައި އަލުން އާލާވެ، މިކަމުން ދިވެހިންގެ އެތައް ބަޔަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ގުއިން ބެޓްން، ޒީރޯ ޑިގްރީ ޗެނެލް ހުރަސްކުރައްވައި ފަލީގައި، ހުވަދުއަތޮޅު ދެކުނުބުރީ ވާދޫއިން ފުވައްމުލަކަށް ދަތުރުކުރެއްވީ 7 ގަޑިއިރާއި 16 މިނެޓުންނެވެ.