ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. ކުނަހަންދޫގެ ތަރައްޤީގެ މުހިންމު ކަންކަމާގުޅޭގޮތުން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ފޮނަދޫ އިޖުތިމާޢީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ ރަށަށް ތަރައްޤީ ގެނައުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަނގަޅު ނަރުދަމާ ނިޒާމެއް ރަށުގައި ނެތުމާއި، ފުޓްބޯޅަދަނޑު ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުންވަނީ ރަށުގައި ވަޒީފާތައް އުފެއްދުމަށް ގެންގުޅޭ ވިސްނުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުމާއި، ކުނަހަންދޫގެ ސްކޫލް އިތުރަށް ކުރިއެރުވުމަށް ކައުންސިލްގެ ޚިޔާލު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެއެވެ.

ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި މުހިންމު ބައެއް ކަންކަމުގެ ތެރޭގައި އުދައަރާ ދުވަސްވަރެއް ނަމަ ރަށުތެރެއަށް ލޮނުގަނޑު ފޭދުމުން ދިމާވާ ގޮންޖެހުންތަކާއި، ހޮސްޕިޓަލުގެ ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިކަމަށް އަވަސް ޙައްލެއް ބޭނުންވާކަން ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.