ސުވާލު:
އަޅުގަނޑު ރައީސްއަށް ދަންނަވާލަން ބޭނުންވާ ސުވާލަކީ އަޅުގަނޑުމެން ހިޔާ ސަރަޙައްދުގައި މިހާރު އުޅޭތާ ދެއަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. އަޅުގަނޑުމެން ކަނބަލުންނަށް ކުޅިވަރު ކުޅެވޭނެކަހަލަ އެއްވެސް ކަހަލަ އިންތިޒާމެއް ނެތް. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ ކިހާ ތާކުތޯއޭ އަޅުގަނޑުމެންނަށް ކުޅިވަރު ކުޅެވޭނެ ކަހަލަ ކޯޓުތަކާއި ދަނޑުތައް ހަދައިދޭނީ. ކޮންއިރަކުންތޯއޭ؟ ކިހާ ހިސާބަކުތޯއޭ؟

ޖަވާބު:
އާދެ! ނަސްރީނާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން ތިޔަ ސުވާލަށް. ޙަޤީޤަތުގައި ހިޔާ ސަރަޙައްދުގެ ކަންތައްތައް އެއްގޮތަކަށްވެސް ނުކޮށް ކުރިން ހުރީ. އެހެންނަމަވެސް އަޅުގަނޑުމެން މުޅި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް އެއީ ކުޅިވަރު ކުޅޭ ކޯޓުތަކާއި ޕާކުތަކާއި ހިތްފަސޭހަ މައިދާންތައް ހެދުމުގެ މަސައްކަތްތައް ކުރަން ނިންމާފައި އޮތީ. އެހެންވީމާ ހިޔާ ސަރަޙައްދު މިއީ އެންމެ ގިނަ ރައްޔިތުން އެއް ދިމާލެއްގައި އުޅޭ ސަރަހައްދު ވީމާ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން އެޗް.ޑީ.ސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާއި ވެސް ގުޅިގެން އެކިކަހަލަ ކުޅިވަރު ކުޅޭ ވަސީލަތްތައް ޤާއިމްކުރާނެ. އޭގެ ތެރޭގައި ކަނބަލުންނަށް ބޭނުންވާ އެކި ކަހަލަ ހޭންޑްބޯލް ކޯޓްތަކާއި އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓުތައް ވެސް ހިމެނޭނެ. އެހެންވީމާ ފޭސް ދޭއްގައި ވަރަށް އަވަހަށް އެކިކަހަލަ ކުޅިވަރު ކުޅެވޭ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފަށާނަން.