ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޗެއަރމަން ޑޮކްޓަރ ޔޫސުފް އަލް ބައްޞާމާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި، ރާއްޖޭގައި ހިންގަމުން ގެންދާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި މަހު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސާބެހޭ މަޢުލޫމާތު، މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްވިއެވެ.

ޑޮކްޓަރ ޔޫސުފް އަލް ބައްޞާމާ ދެއްކެވި ވާހަކަފުޅުގައި، ޑޯނަރ ކޮންފަރެންސްގައި އެފަންޑުގެ ފަރާތުން ބައިވެރިވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު މީހުންނަށް ގެދޮރު ބިނާކުރުމުގައި ސަޢޫދީ ފަންޑުގެ ފަރާތުން އެހީތެރިވެދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި ރޭ މައްކާއަށް ވަޑައިގެން ޢުމުރާއެއް ވެވަޑައިގަތެވެ.