މުލަކަތޮޅު މުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މުލަކަތޮޅު މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން އެރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރުމަތިކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށާއި އަދި މިހާރުން މިހާރަށް އެތަނުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި މަސައްކަތްތައް ވެސް ކުރިޔަށް ގެންދަވާނެކަމުގައެވެ.

ހަމައެހެންމެ، ބަނދަރު އިތުރަށް ބޮޑުކޮށް 1400 ފޫޓު ދިގުމިން ހުންނަ ވަރަށް ބަދަލުކޮށްދެއްވާނެކަމަށާ، އެރަށުގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސްޕީޑު އަވަސްކޮށް ނިންމައިދެއްވާނެކަމަށާ، މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް ކުރަން ވަޢުދުވެފައިވާ ކަންކަމާ އަދި ކައުންސިލުން ފާހަގަކުރައްވާ ކަންކަމާއެކު ތަރައްޤީގެ ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމު އޭގެ ހަޤީޤީ މާނައިގައި ތަންފީޒުކުރައްވަން ކަމަށެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި ކައުންސިލުތަކުން ބޭނުންވާ ގޮތްތައް އޮޅުންފިލުއްވަވަނީވެސް ކައުންސިލުތަކުގެ ބައިވެރިވުން އިތުރުކޮށް ކައުންސިލުތައް ބާރުވެރިކުރުވުމުުގެ ބޭނުމުގައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.