ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު މުލަކު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މުލަކަތޮޅު މުލަކު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ހެލްތް ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށާއި، އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު އަވަހަށް ފަށްޓަވައިދެއްވުމަށާއި، ބަނދަރު ބޮޑު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާއިން އިތުރު ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، އެ ރަށުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގައި ކުރިން ބޭނުންކުރަމުންދިޔަ ފާލަން މިހާރު ރޫޅާލާފައިވުމުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މ. މުލަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެލަވެންސް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އ.ތ.މ ކޮމިޓީން މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.