ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، އައިސް ޕްލާންޓެއްގެ ޚިދުމަތް ރައްޔިތުން ބޭނުންވާކަމަށާއި، ބަނޑިދޫގައި މަލްޓިޕާޕަސް ހޯލެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ އާ އިމާރާތެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި އިންޖީނުގެ މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް ބޭނުންވާކަމަށާއި، ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ބަނޑިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީންވެސް ވަނީ ރަށުގައި ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އަދި ކަނބަލުންނަށް ކުޅިވަރުގެ ދާއިރާއިން ކަންކަން ފަހިކޮށްދެއްވުމަށް އ.ތ.މ ކޮމިޓީން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ވަކިވަކީން އަލިއަޅުވާލައްވައި އެކަންކަމަށް ހުރި ހައްލުތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.