ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމުގައި ވިދާޅުވިއެވެ. ހަމަ އެއާއެކު، ރަށުގެ ބިން ހިއްކި ސަރަހައްދުގައި ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެއްވުމަށާއި، ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށާއި، ރަށުގެ މަގުތައް ހަދައިދެއްވައި އަދި އެ މަޝްރޫޢާއެކު މަގުތަކުގައި ހެދޭ ފެން ހިންދާނެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޒަމާނީ ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށަށް ކުރިމަތިވަމުންދާ އިޖުތިމާޢީ މައްސަލަތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ރަށުގައި މޫދަށް އެރިލާނެ ސަރަހައްދެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.