ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންނަށް އެންމެ ބޭނުންވާނެކަމަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިން ބޮޑުކުރުމާއި، އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ކައުންސިލް އިދާރާއަށް އާ އިމާރާތެއް ބޭނުންވާކަމަށާއި، ދ. މާދެލީގައި މަސް ފެކްޓްރީއެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައިދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، ރަށުން އޭ.ޓީ.އެމްގެ ޚިދުމަތް ލިބުމަށް އެދޭކަމަށާއި، ރަށް ކައިރި ކަނދުފައްޗެއް އަޅައިދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ކައުންސިލުންވަނީ ރަށުގެ އެކި އިދާރާތަކަށް ބޭނުންވާ ކަންކަން ވަކިވަކީން ތަފުޞީލުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ރަނގަޅަށް ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން، މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.