މިމާޗް މަހުގެ 28ން29އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސުގައި ބައިވެރިވުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ)ގެ މެންބަރު ޤައުމުތަކަށް ބާރުއަޅުއްވާނެ ކަމުގައި ޖީ.ސީ.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ އިކޮނޮމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ބިން ޢުބައިދު އަލް މަޒްރޯއި ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވއި ވާހަކަފުޅުދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ ރިޔާޒުގައި ހުންނަ ޖީސީސީގެ ހެޑް ކުއާޓަރުގައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެހީދޭ ފަރާތްތަކުގެ ޖަލްސާ، ޑޯނަރ ކޮންފަރެންސާ ބެހޭ މަޢުލޫމާތާއި، ރާއްޖެއަށް އެހީ އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކާބެހޭ މަޢުލޫމާތު ޑޮކްޓަރ މުޙަންމަދު ބިން އުބައިދު އަލް މަޒްރޯއިއަށް ދެއްވިއެވެ.

ޑޮކްޓަރ މުޙަންމަދު ބިން ޢުބައިދު އަލް މަޒްރޯއި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވޭ މިޖަލްސާގައި ބައިވެރިވުމަށް މެންބަރު ޤައުމުތަކަށް ބާރުއެޅުމުގެ އިތުރުން، ސީދާ ޖީ.ސީ.ސީ.އިންވެސް މިޖަލްސާގައި ބައިވެރިވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، މިޖަލްސާއަކީ ކާމިޔާބު ޖަލްސާއަކަށް ހެދުމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.