ރާއްޖެ، އިސްލާމްދީނަށް ބަދަލުވި ދުވަހުން ފެށިގެން މެދުނުކެނޑި ވަރަށްގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިވަނީ އިސްލާމީ އުޞޫލުތައް ވަރަށް ރަނގަޅަށް އަށަގަނެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖެ އިސްލާމްވި ދުވަހުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖެއަށް އިސްލާމްދީން އައިގޮތާއި، އިސްލާމީ އުޞޫލުތަކާއި، އިސްލާމީ ތަޢްލީމު ރާއްޖޭގައި ފެތުރިގެން އައި ގޮތުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވައިލެއްވިއެވެ. ރާއްޖެއަށް އިސްލާމްދީން ތަޢާރުފު ކުރެއްވުމުގައި، އެންމެ އިސްކޮށް ތިއްބެވި ދަންނަ ބޭކަލުންނަކީ، ސޫފީ ދަންނަ ބޭކަލުންކަން ބަޔާންކުރައްވަމުން، އެބޭކަލުން ރާއްޖެއަށް އިސްލާމްދީން ތަޢާރުފު ކުރެއްވީ، އެއްވެސް ޙާލެއްގައި ކަނޑީގެ ބާރަކުން ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުންވެސް ރާއްޖޭގެ މި ދިގު އިސްލާމީ ތާރީޚުގެ މައްޗަށް ދިރާސާކޮށް، އަދި ރާއްޖެ މިކަން ކޮށްފައިމިވާގޮތް ދެނެގަތުމަކީ، އިސްލާމީ ޢިލްމަށް ބަލާއިރުވެސް އަދި އިސްލާމީ ތާރީޚުގެ ދިރާސާއަށް ބަލާއިރުވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޔޫރަޕްގެ 4 ޤައުމަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތަފްޞީލުވެސް ދެއްވިއެވެ. މިދަތުރުފުޅުގެ ތަފްޞީލު ދެއްވަމުން، މިދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އިރާދަކުރެއްވިއްޔާ، މިދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އެކިއެކި ރަށްރަށަށް އެކިއެކި އެހީތެރިކަން ވަރަށް ކައިރި މުސްތަޤްބަލެއްގައި ފޯރުކޮށްދެއްވޭނެ ކަމުގައި ވިދާޅުވިއެވެ.

މިގޮތުން، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، ރާއްޖޭގެ އެކިއެކި ތަޢްލީމީ ކަންކަމަށް، ޚާއްޞަކޮށް، ޝަރީޢާ އެންޑް ލޯ އިންސްޓިޓިއުޓް ވަރުގަދަ ކުރުމަށް ޖަރުމަން ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިހާރުވަނީ ލިބިވަޑައިގެންފައިކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގައި ހަކަތައިގެ އުފެއްދުމަށާއި، ކަރަންޓް ދިނުމުގެ ކަންކަމަށާއި، ޔޫޓިލިޓީ ކުންފުނިތަކަށް އެހީތެރިވެދެއްވާނެ ކަމަށްވެސް ޖަރުމަން ސަރުކާރުން ވަރަށް ސާބިތުކަމާ އެކީގައި ފާހަގަކޮށްދެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައިސްލެންޑަށް ކުރެއްވި ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އައިސްލެންޑަކީ ދިވެހިރާއްޖެއާ ވަރަށް ގާތް އަދި ދިވެހިރާއްޖެއާ ވަރަށް އެއްގޮތް ކަންތައްތަކެއް ގިނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެޤައުމުގެ ހުރިހާ ހަކަތައެއް އުފައްދަނީ، ތެޔޮ ބޭނުންކޮށްގެން ނޫން ކަމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ގޮތުގައި ޖިއޮތަރމަލް ހަކަތަ ބޭނުންކޮށްގެންކަން ހާމަކުރައްވަމުން، މީގެ ސަބަބުން އެޤައުމު މިހާރުވަނީ ޔޫރަޕްގެ އެންމެ މުއްސަނދި އެއްޤައުމަށްވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށާއި އަދި އެހެނިހެން ކަންކަމަށް އެހީތެރިވެދޭނެ ގޮތްތައް ހޯއްދެވުމަށްޓަކައި އައިސްލެންޑާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ވާހަކަތައް ދެކެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި އައިސްލެންޑްގެ ޔުނިވަރސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕް ލިބޭނެ މަގުވެސް، މިއެއްބަސްވުމާ ހަމައަށް އާދެވުމުން، ހަމަޖެހިގެންދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްވިޓްޒަރލަންޑަށް ކުރެއްވި ދަތުރުފުޅުގައި، ބެންޖަމިން ރޮތްސްޗައިލްޑްގެ ގްރޫޕާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވި ކަމަށާއި، ރާއްޖޭގެ ރަށްތަކަށް ރަނގަޅު އިތުބާރު ހުރި ގޮތުގައި އަދި މާޙައުލަށާއި ތިމާވެށްޓަށް ރައްކާތެރި ގޮތުގައި ހަކަތަ އުފައްދައި ހަކަތަ ފޯރުކޮށްދިނުމަށް އަދި ކަރަންޓް ފޯރުކޮށްދިނުމަށް އެގްރޫޕާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖެއަށް 25 މެގަވޮޓްގެ ވައިގެ ހަކަތަ ދިނުމުގެ މަޝްރޫޢެއްގައި ފިންލެންޑް ކުންފުންޏެއް ކަމަށްވާ ވިންވިންޑާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.