ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހިތާދޫ ކައުންސިލުގެ އިދާރާގައެވެ.

ފެހެންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށު ސްކޫލުގައި އޮންލައިންކޮށް ކިޔަވައިދިނުން ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ބަނދަރަށް ކައުންސިލުން ގެންނަންބޭނުންވާ ބަދަލުތަކާއި ޤުރުއާން ޓީޗަރެއް ބޭނުންވާކަމައި އަދި އައު މިސްކިތެއްގެ ބޭނުންވާކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.