ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ސަޢޫދީޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ފުރާވަޑައިގަތުމުގެ ކުރިން، ޚަބަރުފަތުރާ ވަސީލަތްތަކަށް މި ދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވަމުން، މިދަތުރުފުޅުގެ ބޭނުންފުޅަކީ، މިމަހުގެ 28 ން 29އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެހީދޭ ފަރާތްތަކުގެ ޖަލްސާ ކަމުގައިވާ ޑޯނަރ ކޮންފަރެންސަށް ތައްޔާރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ސަޢޫދީޢަރަބިއްޔާގެ އެހީތެރިކަން ހޯއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި ސަޢޫދީޢަރަބިއްޔާގެ އިތުރުން، ޢާންމުކޮށް އިސްލާމީ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރައްވައި ރާއްޖެއަށް ލިބެންހުރި އެހީތައް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމަކީވެސް، މި ދަތުރުފުޅުގެ ބޭނުންފުޅެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ސަޢޫދީ ސަރުކާރުގެ އިސްބޭފުޅުންނާއި، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ބޭފުޅުންނާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ބޭފުޅުންނާއި، ސަޢޫދީޢަރަބިއްޔާގެ ވެރިރަށް ރިޔާޒްގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސްގެ އަރިހުގައި، މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދު ބައިވެރިވެވަޑައިގަންނަވައެވެ.