ސުވާލު:
އައްސަލާމު ޢަލައިކުމް. އަޅުގަނޑު ޢައްޒާ އަބްދުލް ޣަފޫރު. އަޅުގަނޑު މަސައްކަތްކުރަނީ ސިވިސް ސާރވިސްގައި، ނ. މަނަދޫ ކައުންސިލްގައި. ކައުންސިލް އޮފިސަރެއްގެ މަގާމުގައި. މިއީ އަޅުގަނޑުމެން ހުރިހާ ސްޓާފުންގެ ފަރާތުން ހުށަހަޅާ ހުށަހެޅުމެއް އިނގޭތޯ! އަޅުގަނޑުމެންވެސް މި ތިބީ ކިޔަވައިގެން. އެކަމަކު އަޅުގަނޑުމެންނަށް ސެލެރީގެ އިންކްރިމެންޓެއް (މުސާރައިގެ ކުރިއެރުމެއް) ނާންނާތީ އެކަންތައް އިނގޭތޯ. އެހެން ހުރިހައި މުއައްސަސާއެއްގައި ޓީޗަރުންނަށް، ނަރުހުންނަށް، ޑޮކްޓަރުންނަށް، އެންމެ ކުޑަވެގެން ޕޮލިހުގައި އުޅޭ ސިވިލް ސާރވިސް މުވައްޒަފުންނަށް ވެސް ކިޔެވި ވަރަކަށް އެބޭފުޅުންނަށް ވެސް ކުރިއެރުން އެބަ ލިބޭ އިނގޭތޯ ސެލެރީ އިންކްރިމެންޓް (މުސާރައިގެ ކުރިއެރުން). އަޅުގަނޑުމެންނަކީ މުޅި ރަށަށް ޚިދުމަތްދޭ ބައެއް. އަދި މަނަދޫގައި ވީމާ ހަމަ އަތޮޅުގެ ހުރިހާ އެންމެންނަށް އަޅުގަނޑުމެން ޚިދުމަތްދެން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަމަ އަޅުގަނޑުމެން މިކޮށްދޭ ބުރަ މަސައްކަތް އިތުރަށް ފާހަގަކޮށް، އަޅުގަނޑުމެން ވެސް ކިޔެވީމާ އެ ކިޔަވާ އެއްޗަކަށް އަޅުގަނޑުމެންނަށް އެ ލިބެންޖެހޭ އިންކްރިމަންޓް ހޯދަން. މިކަން ކިހިނެއްތޯއޭ އޮތީ. އަޅުގަނޑުމެން ބޭނުންވެއޭ މިކަން ރަނގަޅުކުރެވެން.

ޖަވާބު:
ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ! މައިގަނޑު މައްސަލައަކީ ތިޔަކަމުގައި ރައްޔިތުންގެ މަޖިލީހުން ކެޓަގަރައިޒްކޮށްފައި އޮންނަ ގޮތުން ކައުންސިލްތައް މިއޮންނަނީ އެންމެ ދަށް ފަންތީގައި ކެޓަގަރައިޒްކޮށްފައި. ދެން އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗަރ ހެދުމުގެ ކަންތަކުގެ ތެރޭގައި ކުރިއަށް އޮތް ތަނުގައި ތިޔަ ކަންތަކަށް ހައްލެއް ގެންނަން ބޭނުން. އަޅުގަނޑު މިއީ ވަރަށް ގާތުން ކައުންސިލް މުވައްޒަފުން ދެކެފައި ހުރި މީހެއް. އެހެންވީމާ އަޅުގަނޑަށް އެނގޭ ކައުންސިލްތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް. ރެއާއި ދުވާލު އެހެން އޮފީސްތަކާއި ޚިލާފަށް، ބަންދުވެސްކުރެވޭ ތަނެއް ނޫން ހަޤީޤަތުގައި. ރެއާއި ދުވާލު ޚިދުމަތް ދޭންޖެހޭ ބައެއް، ކައުންސިލްގެ ސިވިލް މުވައްޒަފުންނަކީ. ދެން މި ކަމުގައި ޤާނޫނީ އިޝޫސްތަކެއް މި އަންނަނީ. އެހެންވީމާ ސިވިލް ސާރވިސް އާއި އެލް.ޖީ.އޭ އާއި ދޭތެރޭގައި ވެސް ޚިޔާލު އެއްގޮތް ނުކުރެވިފައި އޮތް ކަމެއް މިއީ، ޤާނޫނީ އިޝޫސްތަކެއް ހުރީމާ. އެހެންވީމާ މަޖިލިސް ތެރެއިން ހައްލުކުރަންޖެހޭ ބައެއް ޤާނޫނީ މާއްދާތަކަށް ގެންނަންޖެހޭ އިސްލާޙުތަކެއް ވެސް ހުރިކަމެއް މިއީ.
އަޅުގަނޑު މާލޭގެ މޭޔަރަކަށް ހުރިއިރުވެސް އެ މައްސަލަ ހައްލުކުރަން އުޅުނީމާ އަޅުގަނޑަށް އެކްސްޕީރިއެންސް ކުރެވިފައި ހުރި ކަމެއް ތިޔައީ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނީ ކައުންސިލްގެ ސިވިލް ސާރވިސް ސްޓާފުންނަށް ދެންމެ ތިޔަ ވިދާޅުވިގޮތަށް ވަޒީފާގައި އުޅޭ އިރު ކިޔެވުމަށް ބޭސްކޮށް އަދި ދެން ބަލަންޖެހޭ މިންގަނޑުތަކުގެ ތެރެއިން ވެސް ކުރިއެރުންތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދޭން އިރާދަކުރެއްވިއްޔާ. އެހެންވީމާ އެކަމުގައި އަޅުގަނޑު މަސައްކަތްކުރާނަން، މި ދެންނެވިހެން ގެންނަންޖެހޭ އިސްލާޙުތައް ޤާނޫނުތަކާއި ގަވާޢިދުތަކަށް ގެނައުމާއި އެކީގައި އިނގޭތޯ!