ސުވާލު:
އައްސަލާމް ޢަލައިކުމް. އަޅުގަނޑަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ޕޭރެންޓެއް. ޕޭރެންޓެއްގެ ޙައިސިއްޔަތުން އަޅުގަނޑު މިއަދު ސުވާލުކޮށްލަން ބޭނުންވަނީ. އަސްލު މަނަދޫގައި އަތޮޅު ހޮސްޕިޓަލް އެބަހުރި ދެއްތޯ؟ ހުރިއިރު މިތަނުން އަޅުގަނޑުމެންގެ ކުދިންނަށް އެއްވެސް ކަހަލަ ތެރަޕީގެ ޚިދުމަތެއް ނެތް ލިބިފައެއް. މި ޚިދުމަތް ކޮންއިރަކުންތޯ ފެށިގެންދާނީ މިރަށުގައި. އަޅުގަނޑުމެން އަތޮޅުތަކުގައި، ރާއްޖެތެރޭގައި ތިބޭ ކުދިންނަށް ފުރުޞަތު ލިބިގެންދާނީ ކޮންއިރަކުންތޯއޭ؟ ދެން އޭގެ އިތުރުން ސައިކޭޓްރިސްޓެއްގެ ޚިދުމަތް. މިހާރުވެސް އަޅުގަނޑުގެ ދަރިފުޅަކީ 11 އަހަރުގެ ކުއްޖެއް. ނުކުޅެދުންތެރިކަން ހުރި ކުއްޖެއް. އޭނަގެ ނަފްސާނީ ކަންތައްތައްވެސް ހުރޭ. އޭނާގެ ބޭސް މިހާރުވެސް ހުރީ ހުސްވެފައި. އަޅުގަނޑުމެން އެޕޮއިންޓްމެންޓަށް ރިކުއެސްޓް ކޮށްގެން އުޅޭތާ މިހާރު މަސްދުވަހަށްވުރެ ގިނަ ދުވަސް މިވީ. އަދިވެސް ނުލިބޭ އެޕޮއިންޓްމަންޓްއެއް. އަޅުގަނޑުމެން އަނެއްކާ ތެރަޕީއަށްވެސް ދާންވީ މާލެ މަހަކު އެއްފަހަރު އިތުރު ޚަރަދުތަކެއް ކޮށްފައި ދެއްތޯ؟ ދެން އަނެއްކާ އަތޮޅު މަދަރުސާ މިތަނުގައި މިހުރީ. ނ. އަތޮޅު މަދަރުސާ. އެކުދިންނަށް ބޭނުންވާ އެއްވެސް ކަހަލަ ވަސީލަތެއްނެތް. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސެން ކްލާހެއްނެތް. ސެން ޓީޗަރެއް ނެތް. އެ ޚިދުމަތްތަކުން އަސްލު އެކުދިން މަޙުރޫމްވެފައި މިހާރު މިވަގުތުވެސް އެތިބީ. މިހާރު 11 އަހަރުވީއިރު އެތައް ކްލާހެއް އެކުދިންގެ ގެއްލިގެން މިދަނީ. ޓީޗަރުން ނެތުމުގެ ދަތިކަމާއި އެކަންކަމާއި ހުރެ. ދެން އަޅުގަނޑު ފާހަގަ ކޮށްލަން، ރައީސްގެ، މަނިކުފާނުގެ ވައުދުފުޅެއް މިއީ ތެލެސީމިއާ ކުދިންނަށް ޚާއްސަ އިނާޔަތެއް ދެއްވާ ވާހަކަ. ކޮންއިރަކުންތޯއޭ އެ އިނާޔަތް ލިބިގެންދާނީ؟ އެކަމުގެ އެއްވެސް ކަހަލަ އަލިމަގެއް ފެންނަން އެބައޮތްތޯ؟

ޖަވާބު:
އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ! ތިން ކަންތައް ތިޔަ ފާހަގަ ކުރެއްވީ. ތިން ކަންތައްވެސް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް ތިން ކަންތައް އެއީ. އަޅުގަނޑު ގަސްތުކުރަނީ އިރާދަކުރެއްވިއްޔާ، ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ހޮސްޕިޓަލްގައި ދެންމެ ތިޔަ ވިދާޅުވިހެން ޑޮކްޓަރުން ބައިތިއްބާ ގޮތަށް ޚިދުމަތްތައް ތަޢާރަފްކުރަން އިނގޭތޯ. ނުކުޅެދޭ ކުދިންނަށް ދޭންޖެހޭ ހުރިހާ ތެރަޕީތައް ދިނުމާއި ފިޒިއޮތެރަޕީއާއި އަދި ސައިކޭޓްރިސްޓުންގެ ކަންތައް. ދެން ޑޮކްޓަރުން ހޯދަންޖެހޭ ސްޕެޝަލިސްޓުން، ކަމުގެ ޓްރެއިންޑް މީހުން ހޯދަންޖެހޭ ކަމެއް، އެހެންވީމާ މިކަން ކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އެހެންވީމާ ބަލާނީ ވީހާވެސް އަވަހަކަށް މިކަންތައް ހަމަޖައްސަން، ހުރިހާ އަތޮޅެއްގައިވެސް އަތޮޅު ހޮސްޕިޓަލްތަކުގައި. އެހެންވީމާ އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަން. ވީހާވެސް އަވަހަކަށް، ހަމަ މިއަހަރު ތެރޭގައިވެސް ހަމަ ވީހާވެސް ގިނަ ހޮސްޕިޓަލެއްގައި ޚިދުމަތް ފަށަން އަޅުގަނޑު ގަސްތުކުރަން. އިރާދަކުރެއްވިއްޔާ އެކަމުގައި ކާމިޔާބީ ލިބޭނެ. އޭރުން ރަނގަޅު ގޮތެއްވާނެ އިރާދަކުރެއްވިއްޔާ. ތިޔަބޭފުޅާފަދަ ބޭފުޅުންގެ އާއިލާތަކަށް އިނގޭތޯ.
ދެން ސްކޫލްގައިވެސް. ސްކޫލްގައި ސެން ކްލާސްތައް ފެށުމާއި ސްކޫލްގައި ނުކުޅެދޭ ކުދިންނަށް ރަނގަޅު މާހައުލެއް ޤާއިމްކޮށްދިނުމަކީވެސް، އެއީ އަޅުގަނޑުމެން ވަރަށް އިސްކަންދޭކަމެއް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައިވެސް އޮތްކަމެއް. އެހެންވީމާ އެކަމުގައިވެސް ހަމަ ވަރަށް މަސައްކަތް ކުރަން ޖެހޭ. ޓީޗަރުންނެއް ނެތް، ޙަޤީޤަތުގައި ސެން ސްޕެޝަލް. އެކަމަށް ޚާއްސަ ތަޢުލީމެއް، ޓްރެއިނިންގއެއް ލިބެންޖެހޭނެ، އެފަދަ ކުދިންނަށް އަޅާލާ ޓީޗަރުންނަށް. އެހެންވީމާ އެކަމުގެ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި. އެދާއިރާއިން ޓީޗަރުން ތަމްރީނުކުރުން. އަދި އެކަމަށް ޚާއްސަކޮށް ސްކޫލްތަކުގައި ޤާއިމްކުރަންޖެހޭ ފެސިލިޓީތައް ވެސް ޤާއިމްކުރަންޖެހޭނެ. އެހެންވީމާ އެކަމުގެ މަސައްކަތް ފެށިފައި އޮތީ. ދެން ވީހާވެސް އަވަސްކުރުން މީގައި މިއޮތީ. އެހެންވީމާ ޖަވާބަކީ ތިޔަ ކަމަކީވެސް ކުރާނެ ކަމެކޭ. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ތިޔަކަމުގެ ނަތީޖާވެސް ވަރަށް އަވަހަށް ދައްކައިދޭނަމޭ އިނގޭތޯ؟ އެހެންވީމާ އެއީ ދެންމެ ތިޔަ ވިދާޅުވި ކަންތަކުގައި.
ދެން އޮތް ކަމަކީ ތެލެސީމިއާ ކުދިންގެ އިނާޔަތް. ދެން އެކަމުގައި މިއަހަރު ބަޖެޓްގައި އެކަން ހިމެނިފައިނެތް. އަޅުގަނޑު މިއަންނަ އަހަރުގެ ބަޖެޓް ތެރެއަށް ލައިގެން މިއަންނަ އަހަރު އެކަން ފަށަން ގަސްތުކުރަން. ދެން މިހާރު އެކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ކަންތައް އެއޮތީ ހިލޭ ކުރެވޭ ގޮތަށް ފަށާފައި. ވަޢުދުވީގޮތަށް. އެހެންވީމާ އެކަން އެއޮތީ ކާމިޔާބުވެފައި. ދެން ތެލެސީމިއާ ހޮސްޕިޓަލް ޤާއިމްކުރުމުގެ ކަންތައްވެސް ހަމަ އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ދެން އިނާޔަތް ކަންތައް އޮންނާނީ. އެހެންވީމާ ތިޔަ ދެކަމަކީ ވެސް އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން މިއަންނަ އަހަރުގެ ބަޖެޓް ތެރޭގައި ހަމަޖައްސާނެ ދެ ކަންތައް އިރާދަކުރެއްވިއްޔާ.
ވަރަށް ބޮޑަށް ޝުކުރިއްޔާ.