ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި އެމަނިކުފާނު ސޮއިކުރައްވައި އިޢުލާން ކުރެއްވި ޤަރާރަކުންނެވެ. މި ޤަރާރުގައި ސޮއިކުރައްވާފައި ވަނީ އެދަފުށީ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ބ. އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުން ފެށްޓެވުމުގެ ކުރިންނެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޭދަފުށީގައި ހައުސިންގ މަޝްރޫއެއް އަވަހަށް ފެށުމާއި ބ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ރަށަށް ކަރަންޓް ދިނުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޭނުންވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ސަމާލުކަންދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.