ކެނދިކުޅުދޫއަކީ ގުދުރަތީ ޚާއްޞަ ސަރަހައްދުތައް ހުރި އިޤްތިޞާދީ ގޮތުން ތަރައްޤީކުރެވޭނެ ރަށެއްކަމުގައި ފާހަގަކުރައްވައި އެސަރަހައްދުތައް ހިމާޔަތްކޮށް ރައްޔިތުންނަށް އެއިން އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކެނދިކުޅުދޫ ސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާންމުކޮށް މި އޮންނަ ފަތުރުވެރިކަމަށް ވުރެ ފުޅާކޮށް ރަށްރަށުގައި ހުންނަ ތަފާތު ޚާއްޞަކަންކަމަށް ބަލައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުން އަލަށް ފެށި 'ވިޒިޓަރ އިކޮނޮމީ ކައުންސިލް' ގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފައްދައި ކެނދިކުޅޫގައި އޮތް ގުދުރަތީ ވަޞީލަތުގެ ބޭނުން ހިފޭގޮތަށް އިކޯޓޫރިޒަމްގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ . އަދި އޭގެ ބޭނުން ރަށުގެ ރައްޔިތުން ހެޔޮގޮތުގައި ހިފުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރިއަށް ގެންދިއުމަށް ކުރައްވާ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ

ކެނދިކުޅުދޫ އަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެވެ. ހަ ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީއާއި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލްތަކާއި ހިއްސާކުރައްވާފައެވެ.