ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔުނިވަރސިޓީ އޮފް އައިސްލެންޑްގައި ތަޤްރީރު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށާއި، އެ މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ވަރަށް ބޮޑު ޙަޤީޤަތެއްކަން ޢިލްމީ ހޯދުންތަކުން އެބަ އެނގޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރިއަށް ގެންދަވަމުން، މި ޙަޤީގަތްތައް ޤަބޫލު ކުރުމަށް ދެކޮޅުހަދާ ބަޔަކު، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅުމަށް ވަރަށް ބޮޑަށް ރާވައިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ތިމާވެށްޓަށް ގެއްލުންދޭ ކާރބަން ޖައްވަށް ދޫކުރާވަރު މަދުކުރުމަށް ފިޔަވަޅު އެޅުމަކީ، ތަރައްޤީއަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެ، ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތަކާ ޓެކްނޮލޮޖީ ބޭނުންކުރުމަށް ދެކޮޅުހަދާ ޤައުމުތަކަށް އައިސްލެންޑަކީ، މިސާލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ މަދު އަހަރު ތަކެއް ކުރިން، އައިސްލެންޑަކީ ތަރައްޤީވަމުން އަންނަ ޤައުމެއްގެ ގޮތުގައި އޮތް ޤައުމެއް ކަމަށްވިޔަސް، މިހާރު އައިސްލެންޑަކީ ޔޫރަޕް ސަރަޙައްދުންވެސް އެންމެ ބޮޑަށް ތަރައްޤީވެފައިވާ އެއްޤައުމުކަން ފާހަގަކުރައްވައި، މިއީ މިފަދަ ޤައުމުތަކަށް ހުރި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ ހުރިހާ ޤައުމުތައް، ވަކި އެއްބަސްވުމަކަށް އައުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު ދުނިޔޭގެ ހުރިހާ ޤައުމުތަކުން މަސައްކަތް ކުރަމުން ގެންދަންވީ، ވާހަކަތަކެއް ދެއްކުމަށްވުރެ ބޮޑަށް ޢަމަލީގޮތުން ކަންތައްތަކެއްކޮށް، އޭގެ ނަތީޖާ ޙާޞިލު ކުރުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔުނިވަރސިޓީ އޮފް އައިސްލެންޑުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރު އަޑުއެއްސެވުމަށް، އައިސްލެންޑުގެ ރައީސް އޮލަވުރު ރަގްނާ ގްރިމްސަން ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމުގެ ކުރިން، އެމަނިކުފާނުގެ ތަޢާރަފް ދެއްވުމުގެ ގޮތުން، އައިސްލެންޑްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަކީ، ޑެމޮކްރަސީގެ ޗެމްޕިއަނެއް ކަމަށާއި، ޑިމޮކްރަސީއަށާއި، އިންސާނީ ޙައްޤުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ތިމާވެށީގެ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސަމާލުކަމުގެ މައްޗަށްވެސް އައިސްލެންޑުގެ ރައީސް ބައްލަވާލެއްވިއެވެ.

އައިސްލެންޑް ޔުނިވަރސިޓީގައި ތަޤުރީރު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އެ ޔުނިވަރސިޓީގެ ނެޗުރަލް ސައެންސަސް ބިލްޑިންގއަށް ވަޑައިގެން، އެ ބިލްޑިންގ ބައްލަވާލެއްވިއެވެ. އަދި އެ ޔުނިވަރސިޓީގައި ހިންގަމުން ގެންދާ ޖިއޮލޮޖިކަލް އަދި ކްލައިމެޓް ރިސަރޗާ ބެހޭގޮތުން އެމަނިކުފާނަށް މަޢުލޫމާތު އެރުވިއެވެ. މީގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އެކަމުގެ ސަބަބުން، އައިސްލެންޑަށާއި ކަނޑުގެ ލޮނުގަނޑަށާއި، ދުނިޔެއަށް އަންނަ ބަދަލުތައް ދެނެގަތުމަށް، އެ ޔުނިވަރސިޓީން ކުރަމުން ގެންދާ ދިރާސާތަކާބެހޭ މަޢްލޫމާތު ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައިސްލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ސްވިޓްޒަރލެންޑަށް ވަޑައިގަންނަވާނެއެވެ.