ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައިސްލެންޑްގެ މިނިސްޓަރ ފޮރ އެންވަޔަރަންމަންޓް ސުވާންޑިސް ސުވަވަރުދޮއްތޭ އާއި، މިނިސްޓަރ ފޮރ އެނަރޖީ އެންޑް އިންޑަސްޓްރީ ކެތުލިން ޖޫލިއަސްދޮއްތޭއާ ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވެވި މިދެބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން އެދެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކަރބަން ނިއުޓްރަލް ޤައުމަށް ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ތިމާވެށީގެ ދާއިރާގަޔާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އައިސްލެންޑުން އަދާކުރަމުންދާ ދައުރަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

މީގެއިތުރުން، މިދާއިރާގައި އައިސްލެންޑްގެ ތަޖްރިބާއާއި އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިޢާދަކުރަނިވި ހަކަތައާއި، ތިމާވެށްޓާ ރަޙްމަތްތެރި ޓެކްނޯލޮޖީ ބޭނުންކޮށްގެން، ތަރައްޤީ ގެނެވިދާނެ ކަމުގެ ވަރަށްރީތި ނަމޫނާއެއް އައިސްލެންޑުން ވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށާއި، ދުނިޔޭގެ އެހެން ޤައުމުތަކަށް ދައްކައިދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިސްޓަރ ފޮރ އެންވަޔަރަންމަންޓާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަންއިން ނިންމި ނިންމުންތަކަށް ޢަމަލީ ސިފަ ގެނައުމަށް ތާވަލެއް އެކުލަވައިލުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މިނސްޓަރ ފޮރ އެނަރޖީ އެންޑް އިންޑަސްޓްރީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މަސްވެރިކަމުގެ ދާއިރާގައި ދެޤައުމުގެ ތަޖްރިބާ ޙިއްޞާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައިސްލެންޑްގެ ހެލިޝެއޯއި ޖިއޮތަރމަލް ޕަވަރ ޕްލާންޓަށް އިއްޔެ ޒިޔާރަތް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އައިސްލެންޑްގެ ރައީސްވެސް އެ ޕްލާންޓަށް ޒިޔާރަތް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އައިސްލެންޑްގެ ރައީސް ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ރޭ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައިސްލެންޑަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި، ރައީސް އޮލަވުރު ރަގްނާ ގްރިމްސަންއާއި ބޮޑުވަޒީރު ޔޮހާނާ ސެވަރަދޮއްތޭއާ އިއްޔެވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އައިސްލެންޑާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާ ބެހޭގޮތުންނާއި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާގަޔާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި އައިސްލެންޑަކީ، ވަރަށް ކުރިއަރާފައިވާ ޤައުމެއް ކަމަށްވުމާއެކު، އެ ދެ ދާއިރާގައި އައިސްލެންޑުގެ ތަޖުރިބާއާއި އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ، ތަރައްޤީއަށް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫންކަން އައިސްލެންޑުންވަނީ ދައްކައިދީފައި ކަމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށްވެސް އައިސްލެންޑުގެ މި ތަޖުރިބާ ޙިއްޞާ ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައިސްލެންޑަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި، ޔުނިވަރސިޓީ އޮފް އައިސްލެންޑުގައި އެމަނިކުފާނު މިއަދު ތަޤްރީރު ކުރައްވާނެއެވެ.