ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލަށް ވޯޓު ދެއްވާއިރު، މުޅި ރާއްޖޭގެ ސަލާމަތަށް މަޖިލީހުގެ މެންބަރުން ބައްލަވަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިބިލްގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ހަފްތާ ރޭޑިޔޯ ޚިޠާބު ދެއްވީ، އެމަނިކުފާނު ޔޫރަޕަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުޅުއްވަމުން، ޖަރުމަނުވިލާތުގެ ބަރލިންގައި ހުންނަވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިމިވާ ބިލްގައި ޚާއްޞަ ގޮތެއްގައި އިޝާރާތް ކުރަނީ، ސިފައިންގެ އިސްމަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުމަށް ކަމުގައި ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސަލާމަތަށާއި، ތަރައްޤީއަށާއި، ހަމަޖެހުމަށްވެސް ވަރަށްބޮޑު ހުރަހަކަށްވެގެން ހިނގައިދާނެ ކަމެއް ކަމަށާއި، ސިފައިންގެ ކަންކަން ދޯދިޔާ ގޮތަކަށް ނުވަތަ ޔަޤީންކަން ނެތް ގޮތަކަށް ގެންދެވެން ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ އެންމެމަތީ ވެރިޔާ ކަމަށް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވުމާއެކު، ސިފައިންގެ ސަފުތައް ހާވިޔާވާނެ ނުވަތަ ރޫޅިގެންދާނެ އެއްވެސް ގޮތެއް ހެއްދެވޭކަށް ނޯންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ގޮތުގައި ހަރުދަނާކަމާ އެކީގައި ހުންނަވައި، އެމަގާމު ދިފާޢު ކުރެއްވުމަށް ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން ކުރައްވަންޖެހޭ ހުރިހާ ކަމެއް، އެއިރަކަށް ކުރައްވަންޖެހޭ މިންވަރަކަށް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށްވެސް ރޭޑިޔޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖަރުމަނު ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ވަރަށް އެކުވެރިކަމާ އެކީގައި ވާހަކަފުޅު ދެއްކެވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވި ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ އެކިއެކި ކަންކަމުގައި ޖަރުމަނު ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގެ ވަރަށްބޮޑު ޔަޤީން ކަމެއް އެބޭފުޅުން ދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.