ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކާމިޔާބުކަމާއެކީ ތަރައްޤީކުރެވިފައި މިވަނީ އެކަމުގައި ސަރުކާރުގެ ދައުރު ކުޑަކުރެވިފައވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައި.ޓީ.ބީ. ބަރލިންގައި މިއަދު ހަވީރު ތަޤްރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ތަރައްޤީގެ މަގުގައި ރާއްޖެއަށް ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި، މިކާމިޔާބީތަކުގެ އެންމެ ބޮޑު އެއްސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދުނިޔޭގެ އިޤްތިޞާދަށް ކުރާ ހުރިހާ އަސަރެއް ރާއްޖެއަށްވެސް ފޯރާނެއެވެ. އެހެންނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ، ދުނިޔެއަށް އަންނަ ލޮޅުންތަކުން އިޢާދަވެވޭ ޞިނާޢަތެކެވެ. މިގޮތުން ދުނިޔެއަށްއައި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ފަތުރުވެރިން ރާއްޖެއަށް އައި މިންވަރު ކޮންމެވެސް ވަރަކަށް ދަށްވި ކަމުގައިވިޔަސް، ރާއްޖޭގެ ފަތުރުވެރިކަން މިހާރު ދަނީ ރަނގަޅުވަމުންނެވެ. އަދި، ބައިނަލްއަޤްވާމީ ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާކަމީ ރާއްޖޭގެ މި ޞިނާޢަތުގެ ވަރުގަދަކަން ދައްކައިދޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި، ރާއްޖޭގެ ފަތުރުވެރިކަމަކީ ތިމާވެށްޓާ ރަޙްމަތްތެރި ޞިނާޢަތަކަށް ހެއްދެވުމަށް ސަރުކާރާއި މިދާއިރާގައި އުޅުއްވާ ހުރިހާ ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.