މޫސުމަށް އަންނަ ބަދަލުތަކަކީ ޙަޤީޤަތެއް ނޫން ކަމުގައި ބުނާ މީހުންގެ ބޭނުމަކީ، މި މައްސަލައަށް ޙައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަރލިންގެ ފްރައި ޔުނިވަރސިޓީގައި މިއަދު ތަޤްރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ޙަޤީޤަތެއްކަން ސައެންސްގެ ހޯދުންތަކުން އެނގެން އެބައޮތް ކަމަށާއި، އެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމުގައި ވިދާޅުވިއެވެ. އަދި އެކަން ޤަބޫލު ނުކުރުމަކީ ސައެންސުގެ ހޯދުންތަކާ ދެކޮޅުވެރިވުން ކަމުގައި ވިދާޅުވަމުން، މިކަމާމެދު އެއްވެސް ޝައްކެއްއޮތްނަމަ ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެއަށް ކުރަމުން އަންނަ އަސަރުތަކަށް ބަލާލުމުންވެސް މިކަން ވަރަށް ސާފުވެގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކަކީ، ނުރައްކާތެރި ކަންތައްތަކެއް ކަމަށް ޤަބޫލުނުކުރާ މީހުންގެ ސަބަބުން، މިކަމަށް ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫ އަރަމުންދާ ކަމަށާއި، ކޯޕަންހޭގަން ސަމިޓަށްފަހު އަނެއްކާވެސް ދުނިޔޭގައި މިވާހަކަތައް ދެކެވޭ މިންވަރު މަދުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ތަޤްރީރު ކުރިއަށް ގެންދަވަމުން، ކޯޕަންހޭގަން އެކޯޑް ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރި ބައެއް ޤައުމުތަކުންވެސް މިހާރު މިކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަން އެބަ ފާހަގަކުރެވޭ ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޤާނޫނީ ގޮތުން ލާޒިމުކުރާ އެއްބަސްވުމަކަށް ވީހާވެސް އަވަހަކަށް އާދެވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މަޝްވަރާތަކަކީ، ދުނިޔޭގެ އެހެނިހެން މަޝްވަރާތަކެކޭ އެއްގޮތަށް ބެލިގެންވާނެ މަޝްވަރާ ތަކަކަށް ވެގެން ނުވާނެ ކަމަށާއި، މިކަމަކީ އަޅުގަނޑުމެން އެންމެންގެވެސް ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިހާރު ބޭނުންވަނީ ވާހަކަތަކަށްވުރެ ބޮޑަށް ޢަމަލީގޮތުން ކަންތައްތަކެއް ކުރެވެމުންދާތަން ފެނުންކަން ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި ތަޤްރީރަށް، ފްރައި ޔުނިވަރސިޓީގެ ވަރަށް ބޮޑު ތަރްޙީބެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.