މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން އިންތިޒާމް ކުރައްވައިގެން ޖަރުމަނުވިލާތުގެ ބަރލިންގައި ރޭ ބޭއްވެވި ދިވެހި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މިހަވީރުގައި، ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވާ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި ޓުއަރ އޮޕަރޭޓަރުންނާއި، މި ޞިނާޢަތުގައި ހަރަކާތްތެރިވާ ޔޫރަޕްގެ ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ މިހާ ކުރިއަރާފައިވަނީ އާންމު ފަރާތްތަކުގެ މިންނެތް މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރީގެ ކަންކަމުގައި ސަރުކާރުގެ ދައުރު ކުޑަކުރައްވައި އާންމު ވިޔަފާރީގެ ދައުރު ފުޅާކުރެއްވުން ކަމުގައި ވިދާޅުވެ، ސަރުކާރުގެ ދައުރަކަށް ވާންވާނީ މަގުދައްކައިދޭ ރެގިއުލޭޓަރެއްގެ ދައުރުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދުނިޔެއަށް އަންނަ ލޮޅުންތަކުން އިޢާދަވެވޭ ޞިނާޢަތެއް ކަމަށާއި، މިކަމުގައި އިންވެސްޓްކޮށްގެން ނުހަނު ބޮޑު ފައިދާތަކެއް ހޯދޭނެ ކަމުގައި ވިދާޅުވިއެވެ.

މި ދިވެހި ހަވީރުގައި ނޭޝަނަލް ޖޯގްރަފިކް ޗެނެލާ ގުޅިގެން އުފައްދާ ރާއްޖޭގެ އާ އިސްތިހާރު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވިއެވެ.