އޫރު ރޯގާ ކޮންޓްރޯލް ކުރުމުގައި، ދިވެހި ސަރުކާރުން ޢަމަލު ކުރެއްވި ގޮތާމެދު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ މާގްރެޓް ޗެން، ތަޢުރީފު ކުރައްވައިފިއެވެ. އެމަކަނާ މިކަމަށް ތަޢުރީފު ކުރެއްވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ޑޮކްޓަރ ޗެން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކަކީ، ވަރަށް ރަނގަޅު ޕްރޮގްރާމްތަކެއް ކަމަށާއި، މިކަންކަން ތަންފީޒު ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ޑަބްލިޔު.އެޗް.އޯ.އިން ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގައިވެސް ރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ޑޮކްޓަރ ޗެން ދެއްކެވި ވާހަކަފުޅުގައި، ކޯޕަންހޭގަން ސަމިޓުގައި ރާއްޖެއިން އަދި ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އަދާކުރެއްވި އިސް ދައުރަށް ބައްލަވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި ޞިއްޙަތާ ހުރި ގުޅުމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑަބްލިޔު.އެޗް.އޯ.އަކީ ރާއްޖެއަށް އަބަދުވެސް ވަރަށް އެހީތެރިވަމުން އަންނަ ޖަމްޢިއްޔާއެއްކަން ފާހަގަކުރައްވަމުން، އެކަމަށްޓަކައި ޑަބްލިޔު.އެޗް.އޯ.އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއާ ޚިލާފަށް ޞިއްޙީ ދާއިރާގައި ރާއްޖެއަށް މިހާރު ކުރިމަތިވަމުން އަންނަނީ މުޅިން އާ ގޮންޖެހުންތަކެއް ކަމަށާއި، އެގޮތުން ގައިންގަޔަށް އަރާ ބަލިތަކަށްވުރެ މިހާރު ދިވެހިން ބޮޑަށް ކަންބޮޑުވަނީ، އެހެނިހެން ބަލިތަކާމެދުގައި ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ބަލިތަކަށް ދޭންޖެހޭ ފަރުވާ ދިނުމުގަޔާއި ފޯރުވައިދިނުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.