މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލައަކީ، އިންތިޚާބުތަކާ ގުޅިފައިވާ މައްސަލައަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މިހާރު ޖަރުމަނުވިލާތުގައި ހިނގަމުންދާ އައި.ޓީ.ބީ. ބަރލިން ފެއަރއަށް ކުރެއްވި ޒިޔާރަތުގައި، އެޤައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުތަކުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ގިނަބަޔަކު އެދޭ ގޮތަކަށް ކަމަށާއި، އެހެންކަމުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ޙައްލުކުރުމަށް ޢާންމު ރައްޔިތުން އެ ސަރުކާރަކަށް ގޮވާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިއީ، އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭނެ ވަރަށް ރަނގަޅު މެސެޖެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަންވީ ކޮން ސަބަބުތަކަކާ ހުރެތޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެމަނިކުފާނު ވިދާޅުވީ އެއީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖެއިން ދެވޭ މެހްމާންދާރީއާއި ޚިދުމަތްތަކަކީ، އެންމެ ފެންވަރު ރަނގަޅު މެހްމާންދާރީއާއި ޚިދްމަތްތައް ކަމަށްވާތީއެވެ. އަދި ރާއްޖެއަކީ ޤުދްރަތީގޮތުން ވަރަށް ޚާއްޞަ ކަންތައްތަކެއް އެކުލެވިފައިވާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒްގެ ވައިސް ޗެއަރމަން ޙުސައިން ޢަފީފްވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.