ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ ފޮރިން އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ޑޮކްޓަރ ވަރނަރ ހޮޔަރއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޖަރުމަނުވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި، މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ޤާނޫނީގޮތުން ލާޒިމްކުރާ އެއްބަސްވުމަކަށް އައުމަކީ، ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަކީ، ޑިމޮކްރަސީ އަށަގެންނެވުމަށް ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޝަރުޢީ ނިޒާމް ހަރުދަނާ ކުރުމުގައި ޖަރުމަނުވިލާތުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސްޓޭޓް މިނިސްޓަރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން އެއްބަސްވުމަކަށް އައުމުގައި ޔޫރަޕްގެ އެހެން ޤައުމުތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޝަރުޢީ ނިޒާމް ހަރުދަނާ ކުރުމުގައިވެސް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައިވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.