ރާއްޖޭގައި ހުޅުވެމުންދާ ވިޔަފާރީގެ ފުރުސަތުތަކާބެހޭގޮތުން، ޖަރުމަނުވިލާތުގެ އިންވެސްޓަރުންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ސަރުކާރުން ބޭނުންފުޅުވަނީ އަމިއްލަ ވިޔަފާރީގެ ދާއިރާ ފުޅާކުރައްވައި ބޭރުގެ ތަޖުރިބާ ހުރި ކުންފުނިތަކަށް ރާއްޖޭގައި ފުރުސަތު އިތުރު ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި، ތަފާތު ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ރާއްޖޭގައި މިހާރު އެބަހުރިކަމަށް ވިދާޅުވެ، ރާއްޖެއަކީ އިންވެސްޓަރުންނަށް ރައްކާތެރި ޤައުމަކަށް ހެއްދެވުމަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅުއްވަމުން ގެންދަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

"މޯލްޑިވްސް އޯޕަން ފޮރ ބިޒްނަސް" މިނަމުގައި ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތުތައް ތަޢާރުފްކޮށްދެއްވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެޑްވައިޒަރ އޮން އިންވެސްޓްމަންޓްސް، މިފްޒާލް އަޙްމަދެވެ.