ސުވާލު:
އަޅުގަނޑުގެ ސުވާލަކީ މިފަހަރު ރިޔާސީ އިންތިޚާބާއި ކައިރިވެފައި އޮއްވާ، ( 2014 ގެ ބަޖެޓުގައި ވެސް ފީއަލީގެ ބިންހިއްކުމުގެ މަޝްރޫޢޫ އޮތީ ހަމަޖެހިފައި އެކަމަކު ދެން) ރިޔާސީ އިންތިޚާބަށް މާދަން ވޯޓުލާން އޮތްނަމަ ހަމަ އެ ރޭ 10:50 އެހާއިރު ރައީސް ޞާލިޙުގެ ވެރިކަމުގައި ބިންހިއްކުމުގެ މަޝްރޫއަށް ވެލި ގެނެސް އޮއްސާލީ. ދެން އޮއްސާލާފައި އެކަން ފަށައިގެން ދެތިން ދުވަހު ވެލި އަޅާފައި ދެން ހުއްޓުނު ގޮތަށް ހުއްޓިފައި އޮތީ. ދެން މިހާރު ގިރެމުން ގިރެމުން ގޮސް 2 ހެކްޓަރު ހާތަން އަޅުގަނޑަށް ހީވަނީ ގިރައިގެން ގޮސްފިހެން. ވަރަށް ބޮޑުތަން. އަޅުގަނޑު ރައީސް މުޢިއްޒު ކިބައިން އަހާލަން ބޭނުންވަނީ އެކަމަށް އަވަސް ހައްލެއް އަޅުގަނޑުމެންނަށް ދެން ލިބޭނީ ކޮން ހިސާބަކުތޯ؟ އެއީ އަޅުގަނޑުމެންނަކީ ވެސް ޒުވާނުންނަށް ވާއިރު އަޅުގަނޑުމެންނަށް ވެސް ގޯތިގެދޮރު ކަންތައް ރަށުގައި ނެތް. ދެން ރައީސް، މުޢިއްޒު ކެމްޕެއިން ތެރޭގައި ވިދާޅުވެފައި އެބަވޭ، ފީއަލީގެ ކުދިން ސްކޫލަށް ދާ މަގުގައި ފެން ބޮޑުވެ ދަތިތައް ކުރިމަތިވާތީ ސްކޫލަށް ދާން އޮންނަ މަގުގައި ތާރު އެޅުމާއި ގުޅޭ ކަންތައްތަކުގެ ވާހަކަ. ދެން އެ ކަންތައްތައް ވެސް އޮތީ ކިހާ ހިސާބަކުތޯއޭ؟ އަދި ބަނދަރު ބޮޑު ކޮށްދެއްވާނެ ވާހަކަ މަނިކުފާނު ވިދާޅުވެފައި އޮތީ ކެމްޕެއިން ތެރޭގައި. އެކަންތައްތައް ކިހާ ހިސާބެއްގައިތޯ އޮތީ؟ އަޅުގަނޑުމެންނަށް ޖަވާބެއް ކިހާ ހިސާބެއްގައި ލިބިދާނެތޯ؟


ޖަވާބު:
އާދެ! އިބްރާހީމް ޝަނޫން. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ފީއަލީގެ ތަރައްގީގެ މަސައްކަތްތަކަށް އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅު ހައްލެއް ގެނެސްދޭނަން. ދެން ބިންހިއްކުމުގެ މަސައްކަތް މިހާރު އެމް.ޓީ.ސީ.ސީ އިން އެކުރާ މަސައްކަތަކީ ފީއަލީގެ ހިއްކާފައި އޮތް ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމަށްޓަކައި ބޮޑު ހިލަ ގެންދިއުމުގެ މަސައްކަތް. އެ މަސައްކަތް ވަރަށް އަވަސްކޮށްދޭން އަޅުގަނޑު ދަންނަވާފައި ވާނެ.އުއްމީދު ކުރަނީ ހަމަ މާލަސްތަކެއް ނުވެ، ބޮޑު ހިލަ ގެންދެވި ރިވެޓްމެންޓް ޖަހަން ފަށާނެ. ޖަހާއިރު ތިޔަ ވިދާޅުވި ގިރައިގެން ގޮސްފައި އޮތް ސަރަޙައްދާއި އެކީގައި، ރަނގަޅަށް ނުހިކި އޮތް ސަރަޙައްދާއި އެއްކޮށް ކޮމްޕްލީޓް ކުރާނަން. އިރާދަކުރެއްވިއްޔާ. އެހެންވީމާ، ބިންހިއްކުމުގެ ކަންތަކަށް މި ދެންނެވި ހައްލު އިރާދަކުރެއްވިއްޔާ ގެނެސްދޭނަން.
ދެން އަޅުގަނޑު ވީ ވަޢުދުތަކާއި އެއްގޮތަށް ވަޢުދުތައް ފުއްދައިދެމުން ދާނަން އިރާދަކުރެއްވިއްޔާ. އެގޮތުން މަގު ހެދުމަކީ އަޅުގަނޑު ވެފައިވާ އެންމެ ބޮޑު އެއް ވަޢުދު ރަށްރަށުގައި. މައި މަގުތައް ހަދައިދޭނެ ކަމަށް ރަނގަޅު ފެންވަރަކަށް. ހަމަ ގިނަރަށްތަކުގައި. އަދި ތާރު އަޅައިގެން ހަމަ ރަނގަޅު ފެންވަރަކަށް. އެހެންވީމާ ފީއަލީގައި ވެސް ހަމަ މަގު ހެދުން ކުރިއަށް ދާނެ. ދެން ތާވަލު ކުރެވިގެން ބަޖެޓު ހަމަޖެހޭވަރަކުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން މި މަސައްކަތްތައް. އެހެންވީމާ އެއީ ހަމަ އަޅުގަނޑު ކުރިއަށް ގެންދާނެ މަސައްކަތްތަކެއް. ބަނދަރު ބޮޑު ކުރުމަކީ ވެސް އެގޮތުން ކުރިއަށް ގެންދާނެ މަސައްކަތެއް އިރާދަކުރެއްވިއްޔާ. އެހެންވީމާ އަޅުގަނޑު ވަޢުދުވީގޮތަށް ބަނދަރާއި މަގުގެ މަސައްކަތް ވެސް ކޮށްދޭނަން. ދެން ބިންހިއްކުމުގެ މަސައްކަތް ދެންމެ މި ދެންނެވި ގޮތަށް ރިވެޓްމެންޓް ޖެހުމަށް ތަކެތި ގެންދާނެ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ. ގެންދާއިރު، މަސައްކަތް ކުރިއަށްދާއިރު، ނުހިކި އޮތް ސަރަޙައްދާއި ގިރައިގެން ދިޔަ ސަރަޙައްދު ވެސް ހިމެނޭ ގޮތަށް ރަނގަޅަށް ހަދައިދޭނަން އިރާދަކުރެއްވިއްޔާ. ޝުކުރިއްޔާ!