بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޝަހީދުންނަކީ ދިރި ތިބި ބައެއްކަމުގައި އެންގެވި މާތް اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރުކުރަން. ޝަހީދުންގެ ދަރަޖައާއި މަތިވެރިކަން ބަޔާންކޮށްދެއްވި ލޮބުވެތި ރަސޫލާ مُحَمَّدٌ رَّسُولُ ٱللَّهِ صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު، ދައުލަތުގެ ވަޒީރުން، ބޭރުގެ އެކިއެކި ސަފީރުން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ! ޝަހީދުންގެ ދުވަސް، އެ ބޭފުޅަކަށް ޚާއްޞަ ޤައުމީ ބަޠަލަކީ ޢަލީރަސްގެފާނު. ޝަހީދު ޢަލީ ބިން ޢަބްދުއްރަޙްމާން (އަލް ޔަމަނީ). ކޮލީ ނަންފުޅުން ނަމަ، އައްސުލްޠާން ޢަލީ (6 ވަނަ) އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން. އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗުގީޒުންނާ ދެކޮޅަށް ނިކުމެ ވަޑައިގެން ޢަލީރަސްގެފާނު ގިނިކަންޏާ ކުރެއްވި ޖިހާދަކީ، ޢިބްރަތުން ފުރިގެންވާ ޖިހާދެއް. މިއަދު އަޅުގަނޑުމެން މި އާކުރަނީ، އެ ތަކުރުފާނުގެ އަގުހުރި ޒިކުރާ.

އާދެ! ގިނަ ދުވަސްތަކެއް މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ޝަހީދުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވި، ޢަލީރަސްގެފާނުގެ ޒިކުރާ އާކުރެވެމުންދާކަމީ، އަޅުގަނޑު ނުހަނު އުފާކުރާ ކަމެއް. ދިވެހި ތާރީޚުގެ ރަންއަކުރުން ފެވިފައިވާ އެ ރަދުންގެ ޤުރުބާނީ، އަޅުގަނޑުމެން އެންމެން ތާއަބަދަށް ހަނދުމަކުރުމަކީ، މި ޤައުމާއި، އިސްލާމީ ވަޙްދަތު ހިމާޔަތްކުރުމަށްޓަކައި، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ކޮންމެހެން ބޭނުންތެރި ކަމެއް.

މި ދުވަހަށް ދޭންޖެހޭ ޚާއްޞަ ދަރަޖަ ދެއްވައިގެން، ޤައުމީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރައްވަން އަލުން ފެށްޓެވި ކަމަށްޓަކައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް މި ފުރުޞަތުގައި ދަންނަވަން.

މި ދުވަހު އަޅުގަނޑުގެ އެންމެ ޚާއްޞަ ހަނދާނަކަށް އަންނަނީ، ޕޯޗުގީޒުންނާ ދެކޮޅަށް ޖިހާދަށް ނިކުމެވަޑައިގަންނަވަމުން، ޢަލީރަސްގެފާނު އެ ރަދުންގެ ލޯބިފުޅުވާ އަނބިކަނބަލުންނާއި ދަރިކަނބަލުންނަށް ވިދާޅުވި ބަސްފުޅު. "އަހުރެންގެ އަނބިދަރީން މާތް ﷲ އާ ވަކީލޭ. މާދަމާއަކީ ކާމިޔާބު ދުވަހެކޭ. ހަނގުރާމައިންވެސް މޮޅުވުމަކީ ކާމިޔާބެކޭ. މަރުވެއްޖެނަމަ، މާތް ﷲ ގެ ހަޟުރަތުގައި އެއީވެސް ކާމިޔާބެކޭ." މިފަދައިން ވިދާޅުވުމަށްފަހު، ވަޑައިގެން އަޅުގަނޑުމެންގެ ދީނާއި ޤައުމުގެ ދިފާޢުގައި ފިސާރި ސާބިތުކަމާއެކީ ހަނގުރާމަކުރައްވައި، އެ ރަދުން ޝަހީދުވެ ވަޑައިގެންނެވީ.

އާދެ! ޢަލީރަސްގެފާނު ފަދައިން، މި މާތް ދީނާއި ޤައުމަށްޓަކައި ޖިހާދުކޮށް ޝަހީދުވި އެންމެހައި އަބްޠާލުންގެ ހަނދާންތައް މިއަދު އަޅުގަނޑުމެން އާކުރަންޖެހޭނެ.

އުތީމު ބޮޑުތަކުރުފާނާއި، ބޭބޭފުޅު ޢަލީތަކުރުފާނާއި، ދަރިކަލުން ކަލާފާނާއި، ޝަހީދު ޙުސައިން އާދަމް ފަދަ ޝަހީދުންގެ ޒިކުރާ އެންމެހައި ދިވެހިން އާލާކުރުމަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހި ފަސްގަނޑަށް އޮތް ލޯބި އިތުރުވެދާނޭ ކަމެއް.

ހަމައެފަދައިން، ޤައުމީ ވާޖިބުތައް އަދާކުރައްވަމުން ގެންދަވަނިކޮށް ޝަހީދުވި އެންމެހައި ފުލުހުންނާއި، ދިވެހި ސިފައިންނާއި، ކެޑޭޓުންނާއި، ސްކައުޓުންނާއި އަދި ޓީޗަރުންނާއި، ޑޮކްޓަރުން ފަދަ ޚިދުމަތްތެރީންގެ ނަންތައް ފާހަގަކުރަންޖެހޭ. ޤައުމީ ވާޖިބު އަދާކުރަމުންދަނިކޮށް ދުނިޔެދޫކޮށްދާ ޚިދުމަތްތެރީންގެ ޚިދުމަތަކީވެސް މަތިވެރި ﷲ ގެ ހަޟްރަތުގައި ޝަހީދެއްމެ.

އެހެންކަމުން، މި ފުރުޞަތުގައި އެ އެންމެހާ ޚިދުމަތްތެރިންގެ ޒިކުރު އާކޮށް، އެ ޚިދުމަތްތެރިންނަށް ހެޔޮ ދުޢާކުރަން. އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑުގެ ދިފާޢުގައި ޖިހާދުކުރެއްވި އެންމެހައި އަބްޠާލުންގެ ޖިހާދުން ނުހަނު މުހިންމު ދަރުސްތަކެއް، ނުހަނު މުހިންމު ފިލާވަޅުތަކެއް ލިއްބައިދޭ.

އެއީ، އަޅުގަނޑުމެންގެ ކޮންމެ ދިވެހި ދަރިޔަކު، ވަފާތެރިކަމާއި، އަމާނާތްތެރިކަމާއެކު، ދީނާއި ޤައުމަށް ޚިދުމަތްކުރުމަކީ، އަޅުގަނޑުމެނަށް ލިބޭ އުފަލެއް ކަމުގައި ހަދަންޖެހޭނޭކަން. ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ ދީނާއި ޤައުމުގެ މަޞްލަޙަތު އިސްކުރަންޖެހޭނޭކަން. ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ޢަދުއްވުންގެ ކުރިމަތީގައި އިންޗިއެއްވެސް ފަހަތަށް ނުޖެހޭނޭކަން.

މި އަހަރުގެ ޝަހީދުންގެ ދުވަހު ޢަލީރަސްގެފާނުގެ ޖިހާދުން ލިބިދޭ ޢިބުރަތްތައް ބައްލަވައިލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބަކީ، މި ދެންނެވި ފަދަ، ވަރުގަދަ ޤައުމީ ދަރުހެއް. މިއީ، އަޅުގަނޑުމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅު ނެގޭނޭފަދައިން، އުނގަންނައިދޭންޖެހޭ ނުހަނު މުހިންމު ފިލާވަޅުތަކެއް. މިއީ، ކޮންމެ ދިވެހި މަންމައަކާއި ބައްޕައެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްވެސްމެ.

މިއަދުގެ ޅަދަރީންނަކީ މާދަމާގެ މުސްތަގުބަލު، އެ ދަރީންގެ ހިތްތަކުގައި ޤައުމަށް އޮތް ލޯބި އާލާކުރުމަކީ، މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި، އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ މަތިވެރި ޚިދުމަތްވެސްމެ.

އާދެ! ޤައުމާއި ދީން ޙިމާޔަތްކުރުމުގައި ޝަހީދުވާ އަބްޠާލުން، ކީރިތިވަންތަ ﷲ ވަނީ ނުހަނު މަތިވެރި ކޮށްދެއްވާފައި.

ކީރިތި ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 169 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ " ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ މަރުވެފައިވާ ބަޔެކޭ ހީނުކުރާހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒްޤު ލިބޭ ހާލު، ދިރިތިބި ބައެކެވެ."

މަތިވެރި ﷲ މި ދިވެހި ޤައުމާއި، މި ލޮބުވެތި ފަސްގަނޑަށް، އުފާވެރި ފާގަތިކަން މިންވަރު ކުރައްވާށި، އަދި، މި ވަޠަން އަބަދުމެ އަބަދަށް މިނިވަންކަމާއި، ފުރިހަމަ ސިޔާދަތުގައި ލަހައްޓަވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ.