ރާއްޖޭގައި ފްލޯޓިންގ ކޮންވެންޝަން ސެންޓަރަކާއި، ފްލޯޓިންގ ގޯލްފް ކޯސް ހެދުމުގެ އެއްބަސްވުމެއްގައި، ދިވެހި ސަރުކާރާއި ނެދަރލެންޑްސްގެ ޑަޗް ޑޮކްލެންޑްސްއާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދެވެ. ޑަޗް ޑޮކްލެންޑްސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑައިރެކްޓަރ ވެން ޑި ކެމްޕް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީ ދެއްކެވި ވާހަކަފުޅުގައި، މިކުންފުނީގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން، ފްލޯޓިންގ ގެ އެޅުމުގެ ކަންތައްތައްވެސް، މިކުންފުނި މެދުވެރިކުރައްވައި ކުރެއްވޭތޯ ބެއްލެވުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނެދަރލެންޑްސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް ލޮއޯނީ މާރގަރީތާ ކޫލަނޫރަ ބައިވެރިވެވަޑައިގެންނެވިއެވެ.