بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، އޮމަދޫގެ ލޮބުވެތި އަހުންނާއި އުޚުތުން، އެންމެހައި ރައްޔިތުން، މިރަށުގެ އިސްވެރިން އަދި މުއައްސަސާތަކުގެ ވެރިން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި ހެނދުނުގެ ވަގުތުގައިވެސް ތިޔަބޭފުޅުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި މި ދަތުރަށް ތައްޔާރުވުމަށްޓަކައި ކުރައްވާފައި ހުރި ބުރަ މަސައްކަތް، މި ކުޑަ ވަގުތުކޮޅު ތެރޭގައިވެސް އަޅުގަނޑަށް ފެނި، އިޙްސާސް ކުރެވިގެން ދިޔަ. އެކަމަށްޓަކައި ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތް ފާހަގަކޮށް، ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ދެންމެ ކައުންސިލްގެ ފަރާތުން އެ ވިދާޅުވި ވާހަކަފުޅުތައް، އަދި މި ޖަލްސާގެ ކުރިން ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި، ވަރަށް ތަފްސީލުކޮށް އެ ކަންކަން ވިދާޅުވެދެއްވައިފައިވޭ. އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު މެސެޖަކީ، އެ ވިދާޅުވި ހުރިހާ ކަމަކީވެސް، ސަރުކާރުން އެއްބާރުލުން ދޭނެ ކަންތައްކަން. އެއީ، އެންމެ މައިގަނޑު ކަންތައް. މާނައަކީ، އެ ކަންކަން ކުރެވޭނޭ ގޮތް ހަދައިދޭނަމޭ.

ދެން ކަންކަން ކުރުމުގައި ތަރުތީބެއް އޮންނަން ޖެހޭ. މާނައަކީ، އެއްފަހަރާ ހުރިހާ ކަމެއް ނުފެށޭނެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދެންމެ އެ ފާހަގަކުރެއްވި ގިނަ ކަންކަމަކީ، ކޮމަން ކަންތައްތައް. ހުރިހާ ރަށެއްގައިވެސް މިވަގުތު ހުރި މައްސަލަތައް އެއީ. ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ޢުމްރާނީ ތަރައްޤީގެ ދާއިރާ، އިޖުތިމާޢީ އެކިއެކި ދާއިރާތައް، އިޤްތިޞާދީ ދާއިރާގެ، އެ ވިދާޅުވީ ހަމަ މުޅިންވެސް ހުރިހާ ރަށެއްގައި މިވަގުތު ހުރި ކޮމަން ކަންތައްތައް.

އެހެންވީމާ، އެ ކަންކަން ރަނގަޅު ކުރަން ތިޔަ ލޮބުވެތި ރައްޔިތުން، މިދިޔަ އިންތިޚާބުގައި އަޅުގަނޑަށް ތާއީދުކުރައްވައި، މި ސަރުކާރު ގެންނަން ވޯޓް ދެއްވީ. އަޅުގަނޑު ވައުދު ވެފައިވާނީ އެ ކަންކަން ކޮށްދޭނެ ކަމަށް. އަޅުގަނޑު ވާ ވައުދަކަށް ފަރުވާ ކުޑައެއް ނުކުރާނެ. ތެދުވެރި ވާނަން، އިޚުލާޞްތެރި ވާނަން، އަމާނަތްތެރި ވާނަން. އެހެންވީމާ، މި ދެންނެވި ފަދައިން، ދެންމެ އެ ވިދާޅުވި ކަންކަމަށް ސަމާލުކަން ދީ، އެ ކަންކަން ކޮށްދިނުމުގައި ސަރުކާރުގެ ތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ހަމަ އަނެއްކާވެސް ދަންނަވާލަން ބޭނުން.

ދެން އިޤްތިޞާދު އޮތް ހާލަތުގެ ސަބަބުން ބައެއް ކަންކަން މި ޖެހެނީ އިސްފަސްކުރަން. އެކަމުގައި ކައުންސިލުން ސަރުކާރަށް އެއްބާރުލުން ދެއްވައި، ކުރިޔަށް މިއޮތް ދެތިން ހަފްތާ ތެރޭގައި ތަރުތީބެއް ކަނޑައަޅައި ލެވުނީމާ، އެ މަގުން ކުރިޔަށް ދާނަން. ކައުންސިލުން އެންމެ އިސްކަން ދޭން ބޭނުންވާ ކަންކަމަށް ސަރުކާރުންވެސް އިސްކަން ދޭނީ.

އަޅުގަނޑަށް ފާހަގަވޭ، ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަކީ، މުޅި މުޖުތަމަޢަށް އެންމެ ބޮޑަށް ބޭނުން ޖެހިފައި އޮތް އެއް ކަންތައް ހައްލުކުރަންޖެހޭ. ތަޢުލީމީ ނިޒާމް ވަރުގަދަ ކުރުން. ކަން ދިމާކުރި ގޮތުން މި ދަތުރުގައި މިނިސްޓަރުވެސް އެބަ ބައިވެރިވެ ވަޑައިގަންނަވާ. އެ މީޓިންގއިންވެސް މި ހުރިހާ ވާހަކައެއް އެނގިވަޑައިގެންފައި ވާނީ. މިނިސްޓަރ މިހާރުން ފެށިގެން އެ މަސައްކަތް ފަށްޓަވާނެ. އެހެންވީމާ، ސްކޫލްގެ ޖާގައިގެ މައްސަލަ، ދިވެހި ޓީޗަރު ވާހަކަ ވިދާޅުވި. ޓީޗަރުންގެ މައްސަލަ، ފެސިލިޓީސް ގާއިމުކުރުން، މަޝްރޫޢު ނުހިނގާ އޮތް މައްސަލަ، މިހިރީ ހައްލުކުރަން ހުރި ކަންކަން. ޖާގަ އިތުރުކުރުމާއި، މަލްޓި-ޕަރޕަސް ހޯލް މައްސަލައާ. އެހެންވީމާ، ސްކޫލްގެ މުޅި މައްސަލަ އެކީ ހައްލުކުރުން އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން އެންމެ އިސްކަން ދޭނޭ އެއް ކަމެއް ކަމަށް ހަދާނަން. އިރާދަކުރެއްވިއްޔާ، އެކަން ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ހައްލުކޮށްދޭނަން.

ދެވަނަ ކަމަކަށް ދެން އެންމެ އިސްކަންދޭން އަޅުގަނޑު ހިތުން ފެނާއި ނަރުދަމާ އެބައޮތް. ވަރަށް މުހިންމު ކަމެއް އެއީ. އެކަމަށް ހަމަ ސަމާލުކަން ދޭނަން. އެކަމަކު އެއަށްވުރެ ބޮޑަށް އަޅުގަނޑު ހިތުން، އެކަމަށް ސަމާލުކަން ދެމުންވެސް އިސްކަން ދޭންޖެހެނީ، އާމްދަނީގެ ފުރުޞަތު ހޯދައިދޭން. އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދޭން. މިރަށުގެ އިޙްތިޞާޞް ތެރޭގައި ދެ ފަޅުރަށް އެބައޮތް ކަމަށް ވިދާޅުވި. އެއީ، ވަރަށް ބޮޑު ކުރިއެރުމެއް. ފުރަތަމަ ސްޓެޕް އެއޮތީ އެޅިފައި. އެހެންވީމާ، ބައެއް ކައުންސިލްތަކުގައި ނެތް އަދި އެ ފުރުޞަތެއް. އެހެންވީމާ، މިހެން މި ދެންނެވީ.

އަޅުގަނޑު ދޭން ބޭނުންވާ ފުރިހަމަ ޔަޤީންކަމަކީ، އެ ދެ ފަޅު ރަށުގެ ކަންތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން. އިޙްތިޞާޞް ތެރޭގައި އޮތް ފަޅު ރަށްތަކުގެ ބޭނުން ކައުންސިލަށް، ރައްޔިތުންނަށް، އިޤްތިޞާދީ ކުރިއެރުން ހޯދުމުގައި، ކުރަންޖެހޭ ހުރިހާ ކަމަކަށް އެއްބާރުލުން ދޭނަން. ފުރިހަމަ އެއްބާރުލުން ދޭނެ ވާހަކަ ދަންނަވަން.

ދެން، ވަގުތުން ވަގުތަށް، މިހާރުން މިހާރަށް ގުޅުވާލުމާއި، ޢުމްރާނީ ތަރައްޤީގެ މި ކަހަލަ ކަންކަން ނުކުރެވިދާނެ. އެހެންނަމަވެސް، އެއީވެސް އެކަމާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރެވިގެން، އަދި އެ ގެންނަ އިންވެސްޓްމަންޓަކާ ވެސް ގުޅުވާލެވޭކަހަލަ ފޯރމިއުލާއެއް ނެރެވެއްޖިއްޔާވެސް ފަސޭހަވާނެ ކަމަކަށްވާނެ. ކޮންމެގޮތެއްވިޔަސް، ލޯކަލް ޓޫރިޒަމް ވިޔަސް، ސިޓީ ހޮޓާ ޑިވެލޮޕްމެންޓް ވިޔަސް، އަދި މި ރަށުގައި ހިންގާ މަސްވެރިކަމުގެ ތަރައްޤީގެ ޞިނާޢާތުގެ މަސައްކަތް ކަމުގައި ވިޔަސް، އަދި އެހެނިހެން ކަންތައްތައް ކަމުގައި ވިޔަސް، އެ ކަންކަން ކުރުމުގައި، ސަރުކާރުގެ ތެރެއިން ފަހިކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދޭނަން އިރާދަކުރެއްވިއްޔާ. އިކޮނޮމިކް މިނިސްޓްރީ ތެރެއިން، ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، އެގްރިކަލްޗަރ މިނިސްޓްރީ، ދެން މިހެން ހުރިހާ ދިމާއަކުން ކޮށްދެންޖެހޭ ހުރިހާ މަސައްކަތެއްގައި.

އެހެންވީމާ، ކައުންސިލުން ކުރަންޖެހޭ ކަމަކީ، ސަރުކާރާ ގުޅިގެން މަސައްކަތް ގެންދަވަން ފަށްޓަވަންވީ. މިހާރު ކުރިންހެނެއް ނުވާނެ. ކުރީގައި ކައުންސިލްތަކަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަވާނެ. މިހާރު އަޅުގަނޑުމެންގެ މިނިސްޓަރ މި އިންނަވަނީ. ޚާއްޞަކޮށް ލޯކަލް ގަވަރންމަންޓަށް ޚާއްޞަކުރެވިފައި ހުންނަވާ މިނިސްޓަރެއް އަޅުގަނޑުމެންގެ ހުންނަވާނެ. އާދަމް ޝަރީފް. އެ މިނިސްޓްރީގެ ޒިންމާއަކަށް މިއޮތީ މިހެން ހުރި ކަންކަމުގައި ކޮންމެ ދުވަހެއްގެ ފުލް ޓައިމް މަސައްކަތެއްގެ ގޮތުގައި، ހުރިހާ ކައުންސިލްތަކަށް އެހީތެރިކަން ދިނުން.

އެހެންވީމާ، ވަރަށް ބޮޑު ފުރުޞަތެއް ތިޔަބޭފުޅުންނަށް މި އޮތީ. އެ މަގުން ކުރިއަށް ވަޑައިގަންނަވަންވީ. ސަރުކާރު އޮންނާނީ އެހީތެރިކަންދޭން. މަގު ފަހިކޮށްދީ، މަގު ކޮށައިދީ، ކުރިއަށްދެވޭނެ ކަންކަން ކޮށްދޭން. ތިޔަބޭފުޅުން ބޭނުންވާ ގޮތަށް ތަރައްޤީ ގެނެސްދޭނަން. އެހެންވީމާ، އިޤްތިޞާދީ މަސައްކަތަށް އިސްކަންދެއްވަން އަޅުގަނޑު އެދެން.

ދެން، މި ދެންނެވިގޮތަށް، ތަޢުލީމީ ނިޒާމު ވަރުގަދަ ކުރުން. ފެނާއި ނަރުދަމާގެ މަސައްކަތަށް ސަމާލުކަންދޭނަން. އަދި ދެންވެސް ހުރި ކުޅިވަރާ ގުޅޭ ފެސިލިޓީސް ޤާއިމުކުރުން. ހޭންޑްބޯލް ކޯޓެއްގެ ވާހަކަ ވިދާޅުވި. ބަޖެޓުގައި އެ މަޝްރޫޢު އެބައޮތް. އަދި ވޮލީބޯލް ކޯޓެއް އަޅަން ބޭނުންވާ ވާހަކަވެސް ވިދާޅުވި. މިހެން ކޮންމެ ރަށެއްގައިވެސް އެބަހުރި މިކަހަލަ ވަރަށް ގިނަ ކަންކަން. އެހެންވީމާ، މި ކަންކަން އަޅުގަނޑުމެން ކުރަން ބޭނުން. ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް ތަރުތީބު ކޮށްލައިގެން. އެ ތަރުތީބު ކުރަން، އަޅުގަނޑުމެން ޕްރައިވަޓައިޒް ކުރަން މިޖެހޭ ސަބަބަކީ، އެނގިވަޑައިގަންނަވާނެ، އިއްޔެ އައި.އެމް.އެފް.އިން ނެރުއްވި ވަރަށް ރަނގަޅު ސްޓޭޓްމަންޓެއް ރާއްޖެއާ ބެހޭގޮތުން. އަޅުގަނޑުމެންގެ މި ސަރުކާރުން ކަނޑައަޅާފައި އޮތް އިޤްތިޞާދީ ސިޔާސަތު ބަލައިގެންފައި. އެއީއޭ ކަންކަން ކުރަންވީ ގޮތަކީ. ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައްވެސް ތަރުތީބު ކޮށްލައިގެން، ދެން ހުރި އެކި ކަހަލަ ސަބްސިޑީތަކާއި، މިހެން ހުރި ކަންކަންވެސް ވަކި އުސޫލަކުން ހަމައަކަށް ފައްތައިގެން، ޚަރަދު ދެކޮޅު ޖައްސައިގެން، އާމްދަނީ އިތުރު ކުރުމަށްޓަކައި، އިޤްތިޞާދީ ކަންކަން ފުޅާކުރަން އަޅުގަނޑުމެން ފަށަން ނިންމާފައި މިހިރަ ކަންކަން ފަށައިގެން ކުރިއަށް ދިޔުން. އެ މަގުން ދާން އަޅުގަނޑުމެން އަމިއްލައަށް މި ނިންމި ނިންމުން، އަޅުގަނޑުމެންގެ އަމިއްލަ ސިޔާސަތުގެ ތެރެއިން ނިންމި ނިންމުން، އައި.އެމް.އެފް.އިން އެ އޮތީ ބަލައިގެންފައި.

އެހެންވީމާ، އެ މަގުން ކުރިއަށް ދާނަމަ، އަޅުގަނޑުމެންނަށް އިންވެސްޓަރުން ލިބޭނެ. އެއީ، އައި.އެމް.އެފް. ކަހަލަ ތަންތަނުން އަޅުގަނޑުމެންގެ ސިޔާސަތު ބަލައިގަތީމާ، އެ ބުނެވެނީ ވަރަށް ބޮޑު އެއްޗެއް. އޭގެ މައްޗަށް ބިނާވާނެ އިންވެސްޓަރ ކޮންފިޑެންސް އިތުރުވުން. އެހެންވީމާ، އެއިން ވާނީ ކޮން ކަމެއް؟ ރައްޔިތުން ބޭނުންވާ ކަންކަމާއި، ރާއްޖެއަށް އިންވެސްޓަރުން އައުން. އައުމުން ރާއްޖޭގައި އާމްދަނީ އިތުރުވީމާ، ރައްޔިތުން ބޭނުންވާ ކަންކަން ކުރަން ސަރުކާރަށްވެސް އާމްދަނީ އިތުރުވެގެންދާނެ. އަދި ޕްރައިވެޓް ސެކްޓަރވެސް މުއްސަނދިވެގެންދާނެ. އެހެންވީމާ، މި މަގުން ކުރިއަށްދާން އަޅުގަނޑު ހިތުން ރައްޔިތުންވެސް ޙަޤީޤަތުގައި ބޭނުންވާނެ.

އެހެންވީމާ، އެގޮތަށް ކުރިއަށްދާނެ. ރާއްޖޭގެ އެއްވެސް ރަށެއް ތަފާތުނުކޮށް. ކުޑަ ރަށެއް ވިޔަސް، އާބާދީ ކުޑަ ވިޔަސް، ބޮޑު ވިޔަސް ތަފާތެއް ނުކުރާނެ. އެ މަގުން ހަމަހަމަކަމާ އެކީގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މި ދެންނެވި އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން ރައްޔިތުންގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފަހިކަން ހޯދައިދީ، އާމްދަނީ އިތުރުކުރެވޭނެ މަގު ފަހިކޮށްދީގެން ކުރިއަށްދާނީ.

މި ރަށް ނޫން، ގިނަ ރަށްތަކުގައި ފަޅު ރަށެއް ނެތް. އެކަމަކު އަޅުގަނޑުމެން މަގު ފަހި ކޮށްދީފިން. ފަޅު ރަށްރަށް ހޯދޭނެ މަގެއް. އެއީ، އަޅުގަނޑުމެން ކަމާބެހޭ ގަވާއިދެއް ގެޒެޓްކޮށްގެން އެ އޮތީ އެ ފުރުޞަތު ހުޅުވައިދީފައި. އެހެންވީމާ، މި ރަށުގައި އެ ވާހަކަ ދައްކާކަށް ނުޖެހޭ. އެހެންނަމަވެސް، ގިނަ ރަށްތަކަށް، ގިނަ ކައުންސިލްތަކަށް، އެ ގަވާއިދުގެ ތެރެއިން ފަހި ފުރުޞަތެއް އެބަ ލިބޭ. ފަޅު ރަށްތައް ހޯދައިގެން އިޤްތިޞާދީ މަސައްކަތް ކުރަން. ކުރީމާ އެ ރަށުގެ ރައްޔިތުންނަށް ފައިދާވާނެ. ކައުންސިލަށް ފައިދާވެގެންދާނެ. އެހެންވީމާ، މިގޮތަށް ކުރިއަށް ދިޔައިމާ، އިރާދަކުރެއްވިއްޔާ ކޮންމެ ފަރުދަކަށް، ކޮންމެ ޢާއިލާއަކަށް، މާގިނަ ދުވަސްތަކެއް ނުވެ، މި އަހަރުގެ ތެރެއިން، އަދި މި އަންނަ އަހަރު އެއަށްވުރެ ރަނގަޅަށް، އަހަރެއް ދެ އަހަރެއް ތެރޭގައި، އެ މުއްސަނދިކަން ރަނގަޅަށް އިހްސާސްވާނެ. ފަރުދީ މުއްސަނދިކަން، ޢާއިލާއަށް ލިބޭ މުއްސަނދިކަން، އެއީ ޙަޤީޤަތުގައި ބަނދަރެއް ހަދައިގެން، މަގު ހަދައިގެން، މުޅި ޖަމާޢަތަށް ލިބޭ ފަސޭހައަށްވުރެ މާ ބޮޑު، މާ މުހިންމު ކަމެއް. ޙަޤީޤަތުގައި ސަރުކާރަކުން އިސްކަންދޭންޖެހޭނީ އެކަމަށް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަގުން ކުރިއަށް ދާނަން. މި ރަށުގެ ރައްޔިތުން އެދޭ އަމާޒަށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ފަހިކޮށްދޭނެ ވާހަކަ އަދިވެސް އެއްފަހަރު ދަންނަވާލަމުން، ވިދާޅުވި ހޫނު މަރުޙަބާއާއި ތިޔަ ބަހައްޓަވާ ގާތްކަމަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.